15 Jan 2020, 15:18
އީރާނުން އޮޅިގެން ދިން ހަމަލާއެއްގައި ވެއްޓުނު ޔުކްރޭންގެ މަތިންދާބޯޓު ވެއްޓުނު މަންޒަރު ވީޑިއޯކުރި މީހަކު އީރާނުން ހައްޔަރުކޮށްފިއެވެ.
އެ ވީޑިއޯ ކުރި މީހާގެ މައްޗަށް ގައުމީ ސަލާމަތަށް ނުރައްކާ ކުރިކަމުގެ ދައުވާ އުފުލޭނެކަމަށް ބެލެވޭކަމަށް ބީބީސީން ބުންޏެވެ.
އެ ބޯޓު ވެއްޓުނު މައްސަލައިގައި އިރާނުން އިއްޔެ ވަނީ ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ.
އީރާނުގެ ވެރިރަށް ތެހެރާންއިން ނައްޓާލި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ މަތިންދާބޯޓް ވެއްޓުނީ މިދިޔަ ބުދަދުވަހު އެވެ. އެ ހާދިސާގައި އޭގެން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 146 އީރާންގެ މީހުންނާއި 10 އަފްގާނިސްތާނުގެ މީހުންނާއި 11 ޔުކްރޭންގެ މީހުންގެ އިތުރުން ކެނެޑާ ފަސް މީހަކާއި ހަތަރު ސްވިޑަން މީހަކު ހިމެނެ އެވެ.
ބޯޓު ވެއްޓުނީ އީރާންއިން ދިން ހަމަލާއެއްގައި ކަަމަށް ފުރަތަމަ އެއްބަސްނުވިޔަސް އެންމެ ފަހުން ވަނީ އެއީ އޮޅިގެން ދިން ހަމަލާއެއް ކަަމަށް ބުނެ ޒިންމާ ނަގައިފަ އެވެ.
އީރާންގެ ރަައީސް ހަސަން ރޫހާނީ ވިދާޅުވީ ބޯޓު ވެއްޓުމުގެ މައްސަލައިގައި ޝަރީއަތް ކުރިއަށްދާނި އެކަމަށް ހާއްސަ ކޯޓެއްގައި ކަމަށެވެ. އަދި އެ ޝަރީއަތް ދުނިޔޭގެ އެންމެނަށް ފެންނަގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާނެކަމަށް ރޫހާނީ ވިދާޅުވިއެވެ.
ބޯޓު ވައްޓާލިކަމަށް އީރާންއިން އެއްބަސްވުމުން އީރާންގެ ރައްޔިތުން ވަނީ ވަރުގަދަ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.
ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދާފައިވާ އިރު، އެ ހާދިސާ ތަހުގީގްކުރުމަަށް ޔުކްރޭންގެ ޓީމެއް މިހާރު ވަނީ އީރާންއަށް ގޮސްފަ އެވެ.
އެ ބޯޓް ވެއްޓުނު އިރު އެމެރިކާއާ އީރާނާ ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަމަލާ ދޭންވެސް ފަށައިފަ އެވެ. އެ ބޯޓު ވެއްޓުނީ އީރާންއިން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާ ދިންތާ ހަތަރު ގަޑިއިރު ފަހުންނެވެ.
ބީބީސީ