01 Dec 2011, 09:43
ސްޕެނިޝް ލަލީގާގެ އެއްވަނާ ގައި ރެއާލް މެޑްރިޑް އޮތް ނަމަވެސް އެލީގު އެޓީމަށް ކާމިޔާބުވީ ކަމަށް ނުދެކޭނެ ކަމަށް އެކުލަބުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މިދިޔަ ހަފްތާގެ ލަލީގާ މެޗުތަކަށް ފަހު ލީގުގެ އެއްވަނާ ގައި ހަ ޕޮއިންޓްގެ ލީޑަކާއި އެކު އޮތީ ރެއާލް އެވެ. ރެއާލް އަށް ހަ ޕޮއިންޓްގެ ލީޑެއް ލިބުނީ ގެޓަފޭ އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ލަނޑުން ބާސާ ބަލިވުމުން ނެވެ.
"ލަލީގާ ކާމިޔާބު ކުރުމަށް އަދި ދިގު ދަތުރެއް ކުރަން ޖެހޭ. ލަލީގާ ކާމިޔާބުވީ ކަމަކަށް އަހަރެމެން ނުދެކެން. ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން އަހަރެމެން ބޭނުން." ރޮނާލްޑޯ ބުންޏެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ރެއާލް އިން ދަނީ މޮޅު ކުޅުމެއް ދައްކާ ބޮޑު ކާމިޔާބީތަކެއް ހޯދަމުން ނެވެ. އެގޮތުން ރެއާލް އިން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށް ދެވަނަ ބުރުން ވެސް ޖާގަ ހޯދާފަ އެވެ.