ވޮޝިންޓަން: އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެގައުމުން މިހާރު އަމަލުކުރަމުން ނުގެންދާތީ އެ އެއްބަސްވުމުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމުގެ މެކޭނިޒަމް ތަންފީޒު ކުރަން ފެށުމަށް ޔޫރަޕްގެ ބޮޑު ތިން ބާރުން ނިންމި ނިންމުމަށް އެމެރިކާ މަރްހަބާ ކިޔައިފިއެވެ.

އީރާނުގެ ކަންތައްތަކާބެހޭ އެމެރިކާގެ މަންދޫބު ބްރަޔަން ހޮކް ވިދާޅުވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމުގެ މެކޭނިޒަމް ތަންފީޒު ކުރަން އިނގިރޭސިވިލާތާއި ފްރާންސާއި އަދި ޖަރުމަނުން ނިންމި ނިންމުމަށް އެމެރިކާ މަރުހަބާ ކިޔާ ކަމަށާ ނަމަވެސް އެންމެ ރަނގަނޅުގޮތަކީ އެމެރިކާ އަމަލުކުރިގޮތަށް ނިއުކްލިޔާ އެއްބަސްވުމުން އެތިން ގައުމުވަކިވެ އެމެރިކާ އެދޭގޮތަށް އީރާނާއެކު ނިއުކްލިޔާ އައު އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފެށުމެވެ.

އެމެރިކާވެސް ހިމެނޭގޮތަށް ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުން އީރާނާއެކު 2015 ގައި ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމަށް އެގައުމުން އަމަލުކުރުން ހުއްޓާލާފައިވަނީ އެމެރިކާއިން އެކަހެރިގޮތެއްގައި 2018 ވަނަ އަހަރު އެ އެއްބަސްވުމުން ވަކިވުމަށްފަހު އެއެއްބަސްވުމާ ޚިލާފަށް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އެއެއްބަސްވުމުގައި އީރާނަށް ލިބިދޭ އިގްތިސާދީ ފައިދާތަކުން އީރާން މަހްރޫމު ވެގެންދިޔުމުންނެވެ.

ޓްރަމްޕްގެ ވެރިކަމުހައި އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެ އެ އެއްބަސްވުމާ ޚިލާފަށް އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން އީރާނުންވަނީ އެ އެއްބަސްވުމުގެ ބައިތަކަށް އަމަލުކުރުން އެކި ތާރީޚުތަކުގައި ހުއްޓާލަމުން ގޮސް މިހާރު އެއްކޮށް ހުއްޓާލާފައެވެ. ނަމަވެސް އީރާނުން އެއްބަސްވުމުން ވަކިވެފައެއް ނުވެއެވެ. މިއާއެކު އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

މިމައްސަލަ ހައްލުކުރުމަށްޓަކައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުން ނިންމީ ނިއުކްލިޔާ އެއްބަސްވުމުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމުގެ މެކޭނިޒަމް ތަންފީޒު ކުރުމުގެ މަސައްކަތެވެ. މިމަސައްކަތް ފެށިނަމަވެސް އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުގައި ބައިވެރިނުވާނެކަމަށް އެތިން ގައުމުން ބުނެފައިވެއެވެ.

މިހާރުގެ އެއްބަސްވުން އުވާލައި އީރާނާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާ ބޭނުންވަނީ އިސްރާއީލުގެ މަގްސަދުތައް ހާސިލްކޮށްދިނުމަށެވެ. އައު އެއްބަސްވުމުގައި ނިއުކްލިޔާ ހަތިޔާރުގެ އިތުރުން އީރާނުގެ އެންމެ ބޮޑު ދިފާއީ ހަތިޔާރުކަމަށްވާ ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްފަދަ މިސައިލް އުފެއްދުން ހުއްޓުވުން ހިމަނަން އެމެރިކާ ބޭނުންވެއެވެ.

އެކަމުގެ ބޭނުމަކީ އެމެރިކާއާއި އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގާބިލްކަން އީރާނުގެ ކިބައިން ނައްތާލުން ކަމަށް އީރާނުން ދެކޭތީ އީރާނުންވަނީ ނިއުކްލިޔާ އައު އެއްބަސްވުމެއްގައި ސޮއިނުކުރާނެކަމަށާ އެކަމާބެހޭގޮތުން އެއްވެސް ގައުމަކާ ވާހަކަވެސް ނުދައްކާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެމެރިކާއާއި އިސްރާއީލަށް ނިއުކްލިޔާ ހަތިޔާރާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ހައްގު އޮންނައިރު އެ ހައްގުން އީރާން މަހްރޫމު ކުރުމަށް އެމެރިކާ ކުރާ މަސައްކަތް ގަބޫލުނުކުރުމަށް އީރާން ވަނީ ނިންމާފައެވެ.

ނިއުކްލިޔާ އެއްބަސްވުމުގެ ބައިތަކަށް އީރާނުން މިހާރު އަމަލުނުކުރާތީ ބޭނުންނަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)