ރާއްޖޭގެ ބައެއް ރަށްރަށުގެ ބައެއް ސަރަހައްދުތަކަކީ ފަޅުރަށްރަށުގެ ގޮތުގައި ހަމަޖައްސަމުން ދަނީ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އަދާލަތުޕާޓީން ތުހުމަތުކޮށްފި އެވެ.

އަދާލަތު ޕާޓީން އިއްޔެ އާއްމުކުރި ބަޔާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރު ހުރި ސަރަހައްދާއި އެ ސިޓީގެ ހަންކެޑެ ސަރަހައްދު ފަޅުރަށްރަށުގެ ގޮތުގައި ހަމަޖެއްސުމަކީ އެ ސިޓީގައި ބަނގުރާ ވިއްކުމަށް މަގުފަހިކުރުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް ދެކޭ ކަމަށެވެ. އަދި ސަރުކާރުގެ އެފަދަ އަމަލުތަކާ މެދު އެ ޕާޓީން ކަންބޮޑުވާ ކަމަށާއި އެފަދަ އަމަލުތަކާ މެދު ރައްޔިތުން ސަމާލުވެ ތިބުމަށް ގޮވާލާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ތުހުމަތުކޮށްފައިވާ ގޮތުގައި މީހުން އުޅޭ ރަށްރަށުގެ ސަރަހައްދުތައް ފަޅު ރަށްރަށުގެ ގޮތުގައި ރަށްރަށުގެ ކައުންސިލްތަކުން ގަރާރުތައް ފާސްކުރަނީ ސަރުކާރުން ބާރު އަޅައިގެންނެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ބޭނުންވާ ސަރަހައްދަކީ ފަޅުރަށެއް ކަމުގައި އެ ރަށްރަށުގެ ކައުންސިލްތައް ލައްވާ ގަރާރު ފާސްކުރުވައި ރައީސުލްޖުމްހޫރިއްޔާ އެ ގަރާރު ތަސްދީގުކުރެއްވުމުން އެ ފުދުނީ އެވެ." އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތުގެ ބަޔާނުގައި ވާގޮތުގައި މިހާރު ކަންތައްތައް ދާ ގޮތަށްދާ ނަމަ މާލޭގެ ސަލްޓަން ޕާކާއި ޓްރޭޑާސް ހޮޓާ ހުރި ސަރަހައްދަކީ ފަޅުރަށްތައް ކަމަށް އިއުލާނު ކުރާނެ ދުވަސް މާ ދުރު ކަމަކަށް އެ ޕާޓީން ނުދެކެ އެވެ.
ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ދެ ތަނަކީ ފުވައްމުލަކު ތުނޑީ ސަރަހައްދާއި ބިޅިފޭށި ސަރަހައްދެވެ. އެ ދެ ތަން ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސީ އެކަމަށް އެދޭ ކަމަށް ޏ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރުމުންނެވެ.