އާޓިސްޓުންނާއި ފަންނުވެރިން އަދި އެފަދަ ޖަމާއަތްތަކުން ފަންނުވެރި މައުރަޒެއް އާޓް ގެލެރީގައި ބާއްވާ ނަމަ ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް އާޓް ގެލެރީ ބޭނުންކުރުމުގެ އުސޫލަށް އިސްލާހު ގެނެސްފި އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) ގެ ފަރާތުން ދާދި ފަހުން ޝާއިއުކުރި އުސޫލުގައި ބުނެފައިވަނީ އާޓިސްޓުންގެ ފަރާތުން މައުރަޒަށް ފީއެއް ނަގާނީ، އެ މައުރަޒަކީ ފައިސާ ދައްކައިގެން ވަންނަ މައުރަޒަކަށް ވާ ނަމަ އެވެ.

އެގޮތުން މައުރަޒަށް ނުވަތަ ހަރަކާތް ބަލައިލުމަށް ނުވަތަ ބައިވެރިވުމަށް ފީ އެއް ނަގާނަމަ، އެ ފީ ނަގައިގެން ލިބޭ ޖުމްލަ އާމްދަނީގެ 15 ޕަސެންޓް ،އަދި މައުރަޒު ގައި ނުވަތަ ހަރަކާތުގައި އެއްވެސް އެއްޗެއް ވިއްކާނަމަ، ނުވަތަ އެއްވެސް ކަމަކަށް އަގެއް ނަގާނަމަ، އެކަމުން ލިބުނު ޖުމްލަ އާމްދަނީގެ 15 ޕަސެންޓް އެންސީއޭއަށް ދައްކަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ފަންނުވެރިން އާޓް ގެލެރީގައި ބާއްވާ ހަރަކާތްތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓުކުރުމަށް ސެންޓާ ފޮ ދި އާޓްސް އިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައި ވަނީ ކަނޑައަޅާފަ އެވެ.

އުސޫލުގައި ބުނެފައިވާގޮތުގައި އާޓް ގެލެރީގައި ކޯޕަރޭޓް އިވެންޓްސް އަދި ސަރުކާރު ވުޒާރާގެ އިވެންޓްތައްވެސް ބޭއްވޭނެ އެވެ. އެގޮތުން ކޯޕަރޭޓް އިވެންޓެއް ބާއްވާނަމަ ދުވާލަކަށް 11،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ. އަދި ސަރުކާރުގެ އިވެންޓެއް ބާއްވާނަމަ 5،000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

އެފަރާތްތަކުންގެ އިވެންޓުތަކަށް އެޑްވާންސްގެ ގޮތުގައި 3،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ.