ދެހާސް ތޭރަ ކައިރިވާވަރަކަށް ޑީއާރްޕީއަށްދޭ ހަމަލާތައް އިތުރުވާނެ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ޑީއާރްޕީގެ ހަރުގޭގައި ކޮންމެ ބުދަ ދުވަހެއްގެ ރޭ ބާއްވަމުން އަންނަ ޖަލްސާތަކުގެ ރޭގެ ޖަލްސާގައި ތަސްމީން އެމޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާއާ ދެކޮޅު ބެނާތަކަކާއެކު ޒުވާން ގްރޫޕަކުން ސައިކަލް ތަކެއްގައި ގޮސް ޖަގަހައިގެ ކައިރީގައި އަޑުގަދަ ކުރުމުންނެވެ. އެއްވި މީހުން މައިގަނޑު ގޮތެއްގައި އަޑުގަދަކޮށް ކޮށްފައި ވަނީ ތަސްމީނަށް ނިސްބަތްކޮށް އެކިކަހަލަ ނަންނަމުން ގޮވައިގެނެވެ.

ތަސްމީނަށް ނިސްބަތްކޮށް ތަފާތު ނަންނަމުން ގޮވައި އެމީހުން އަޑުގަދަ ކުރަން ފެށުމާ އެކު އެއީ ޕީޕީއެމުން ފޮނުވި ބައެއް ކަމަށް ބުނެ އެ ހަރުގެއިން ވަނީ އަޑުއުފުލައިފަ އެވެ.

http://sun.mv/albums/l_2493.jpg
ތަސްމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވި ވަރަކަށް އެ ޕާޓީ އަށް އެކިކަހަލަ ހަމަލާތައް އަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ހަމަލާތަކަށް އެއްވެސް ވަރަކަށް ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑަށް ވާދަ ކުރެވެން އޮތް ޕާޓީ އަކީ ޑީއާރްޕީ ކަމަށް ވާތީ އެކަމާ ގުޅުވާގައިގެން އެކިކަހަލަ ހަމަލާތައް އެޕާޓީ އަށް ކުރިމަތިވަމުން އަންނަ ކަމަށެވެ. ގިނަގިނައިން ހަމަލާ ދިންވަރަކަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ބޮޑަށް ވާދަ ކުރެވޭނެ ޕާޓީއަކީ ޑީއާރްޕީކަން އިތުރަށް ހާމަވަމުން ދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިތިއްބެވި ހުރިހާ ފަރާތްތަކަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެކަން. އަޅުގަނޑުމެންނަކީ މިއަންނަ އިންތިޚާބުގައި އެންމެ ބޮޑަށް ވާދަކުރާނެ ޕާޓީކަން ކަށަވަރަވު ވަމުން ދާ މިންވަރަކުން އަޅުގަނޑުމެންނާއި ދިމާލަށް އަންނަ ހަމާލާތައް އިތުރުވެގެން ދާނެ. އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް،" ތަސްމީން ވިދާޅުވިއެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު ވިދާޅުވީ ރޭ ބަޔަކު ދިމާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށާއި ނަމަވެސް އެކަން ހުއްޓުވުމަށްޓަކައި ފުލުހުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އެއީ ކޮންބައެއް ވެސް ނޭނގޭ ކަމަށެވެ.

ޖަގަހަ ބައްދަލުވުމުގައި ތަސްމީން ވަނީ މިހާރުގެ ސަރުކާރުގެ މައްޗައް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ބަދަލުކުރީ ޒަމާނީ ޑިމޮކްރެޓިކް އުސޫލު ރާއްޖެއަށް ގެންނަން ބޭނުންވާތީ ކަމަށާއި އެހެންނަމަވެސް ރައްޔިތުން އިންތިޚާބުކުރި ފަރާތަކީ ހެޔޮވެރިކަމުގެ އުސޫލުތައް ރާއްޖޭގައި ތަންފީޒު ކުރާނެ ފަރާތަކަށް ނުވިކަމަށެވެ.

"ދިވެހި ރައްޔިތުން 2008 ވަނަ އަހަރު ވަރަށް ސާފްކޮށް ހާމަކޮށްދިން އެއް ކަމަކީ ޒަމާނީ ޑިމޮކްރެޓިކް އުސޫލު ރާއްޖެއަށް ގެންނަން ބޭނުންވާކަން. ސުވާލެއް ނެތް، 30 އަހަރުގެ ވެރިކަމެއް ބަދަލުވެގެން ދިޔައީ އެފަދަ އުސޫލަކުން ރާއްޖޭގެ ކަންތައްތައް ތަންފީޒުވެގެން ދާން ދިވެހި ރައްޔިތުން ބެނުން ނުވާތީ. އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. ކަން ދިމާކުރިގޮތުން ދިވެހި ރައްޔިތުން އިންތިޚާބުކުރި ފަރާތަކީ މިދެންނެވި ޒަމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި ހެޔޮވެރިކަމުގެ އުސޫލުތައް ރާއްޖޭގައި ތަންފީޒު ކުރާނެ ފަރާތައް ނުވި،" ތަސްމީން ވިދާޅުވިއެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Ahmed Thasmeen Ali (mp3)