19:00


ރާއްޖޭގައި ފައްޅި އެޅުމާ ދެކޮޅަށް ފިގުހު އެކަޑަމީން ގަރާރެއް އެކުލަވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެ އެވެ.


ފިގުހު އެކަޑަމީން އެފަދަ ގަރާރެއް އެކުލަވާލާފައިވޭތޯ، އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. މަޖީދު ވިދާޅުވީ، މި ގަރާރު އެކުލަވާލާފައި ވީނަމަވެސް ގަރާރު އާންމުކުރެވޭނީ ގަރާރާ ބެހޭ ހުރިހާ މަރުހަލާއެއް ނިމުމުން ކަމަށެވެ. އަދި އެންމެ މަރުހަލާއެއް ފިޔަވައި ގަރާރުގެ ހުރިހާ މަރުހަލާތަކެއް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރ އަދި ވިދާޅުވީ، ޣައިރު ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތައް ރާއްޖޭގައި އެޅުމަށް ނުވަތަ ހިތްވަރު ދިނުމަށް އެއްވެސް ފަރާތަކުން އެ މިނިސްޓްރީ އަށް ހުށަހަޅާފައިނުވާ ކަމަށާއި އެފަދަ ކަމަކާ ގުޅޭ ގޮތުން އެ މިނިސްޓްރީން ވެސް އެއްވެސް ފަރާތަކަށް ލަފައެއް ވެސް ދީފައިނުވާނެ ކަމަށެވެ. އަދި އެ ގަރާރު އާއްމު ނުކުރެވި ވަނީ އެކަޑަމީގެ ބައެއް ބޭފުޅުން ރަށުގައި ނޫޅުއްވާތީ އެބޭފުޅުންނަށް ސޮއިނުކުރެވި ވާތީ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.