މުޒައްފަރު އާބާދު (14 ޖަނަވަރީ 2020) : ކަޝްމީރުގެ ދެފަޅީގައި ހިނގި ގަނޑުފެން ފޭބުމުގެ (އެވަލާންޗް) ޙާދިސާތަކެއްގައި އިންޑިއާއާއި ޕާކިސްތާނުން 69 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުން ބުނީ އެގައުމުގެ ކޮންޓްރޯލްގެ ދަށުގައިވާ އާޒާދެ ކަޝްމީރުގެ އެކި ސަރަހައްދުތަކުގެ ފަރުބަދަތަކުން ގަނޑުފެން ފޭބުމުގެ ގިނަ ޙާދިސާތަކެއް ފާއިތުވި 24 ގަޑީއިރު ތެރޭގައި ހިނގާފައިވާ ކަމަށާ އެކަމުގެ ސަބަބުން 59 މީހުން މަރުވެފައިވާ ކަމުގައެވެ. ަނޑުފެން ފޭބުމުގެ ހާދިސާތައް އެންމެ ބޮޑަށް ހިނގާފައިވަނީ އާޒާދެ ކަޝްމީރުގެ ވާދީ ނައިލޫމް ސަރަހައްދުގައެވެ. އެސަރަހައްދުގެ ވިލަލެޖްތަކަށް ދާ މަގުތައް ބަންދުވެފައިޥާކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ. މި 59 މީހުންގެ އިތުރުން ބައެއް މީހުން ގެއްލިފައިޥާ ކަމުގެ ރިޕޯޓްތަކެއް ލިބިގެން މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަން ޕާކިސްތާނުންވަނީ ކަށަވަރުކޮށްދީފައެވެ.

އާޒާދެ ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ގަނޑުފެން ފޭބުމުގެ ޙާދިސާތައް ހިނގާފައިމިވަނީ ވާރޭވެހުމާ އަދި ފިނި ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން ގަނޑުފެން ބަރުބަދަތަކުގައި ރެނދުލުމުގެ ސަބަބުންނެވެ. މި ކަމުގެ ގެއްލުން ލިބިފައިވާ ވިލެޖްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ގަނޑުފެނުގެ ބައިތަކުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޕާކިސްތާނުން ބުނެއެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް 50 މީހެއްގެ ހަށިތައް ގަނޑުފެންތަކުގެ އަޑިން ނަގާފައިވާކަން ޕާކިސްތާނުގެ މީޑީއާއިން ކަށަވަރުކޮށްދީފައިވެއެވެ.

ބޮޑުވަޒީރު އިމްރާންޚާންވަނީ ގަނޑުފެން ފޭބުމުގެ ސަބަބުން އެކަހެރިވެފައިޥާ ވިލެޖްތަކުގެ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ ޑިޒާސްޓާ މެނޭކްމަންޓުން ކުރަމުން ގެންދާ މަސައްކަތުގައި ބައިވެރިވުމަށް ސިފައިން ނަށްވެސް އަމުރު ކުރައްވާފައެވެ.

އަނެއްކޮޅުން ކަޝްމީރުގެ އިންޑިއާގެ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރުގެ އުތުރުގެ ބައެއް ސަރަހައްދުތަކަށްވެސްވަނީ ގަނޑުފެން ފޭބުމުގެ ޙާދިސާތައް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން މަދުވެގެން 10 މީހުން މަރުވެ ބައެއް މީހުން ގެއްލި ބައެއް މަގުތައް ބަންދުވެފައިވާކަމަށް އިންޑިއާއިން ބުނެއެވެ. (ރޮއިޓާސް)