14 Jan 2020, 21:52
މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ހައިކޯޓުގައި ތާވަލްކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދީފައެވެ.
އިސްތިއުނާފަށް ހުށަހެޅިއިރު ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
ރައީސް ޔާމީނަށް އިއްވި ހުކުމުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރަން ކުށުގެ ދެ އުންސުރެއް ސާބިތުވާން ޖެހޭ ކަމަށެވެ. އެއީ (1) ވަކި މުދަލަކީ ކުށްކޮށްގެން ހޯދާ މުދަލެއްކަމަށް އެނގި ހުރެ ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއް އޮތުން އަދި (2) އެ ހާލަތު އޮއްވައި އެ މުދަލެއް އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުން ކަމަށެވެ.
ކުށުގެ ފުރަތަމަ އުންސުރު ސާބިތުވަނީ ދައުލަތުން ހުށަހެޅި ޝަފަވީ ހެކީންގެ ތެރެއިން މުއައްވިޒު ރަޝީދާއި، އަބްދުﷲ ޒިޔަތާއި އަހުމަދު އަދީބުގެ ހެކިބަހުން ކަމަށް ހުކުމުގައިވެ އެވެ. މުއައްވިޒު ބުނެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާއަކީ ކުށްކޮށްގެން ހޯދާފައި ހުރި ފައިސާކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޒިޔަތު ބުނީ ވޮޑަމުލާގެ ފައިސާ ލިބުން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އަދި އަދީބު ވިދާޅުވި ގޮތުގައި ވޮޑަމުލާގެ އެއްބަސްވުމުގައި ސޮއިކުރުމަށާއި، އެ އެއްބަސްވުމުން ލިބޭ ފައިސާ ނުލިބިގެން ލަސްވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށެވެ. އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ޔާމީން ވިދާޅުވެގެން އެކި ތަންތަނަށް ގެންގޮސްފައިވާ ކަމަށް ވެސް އަދީބު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން، އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އޭސީސީއިން އެމަނިކުފާނަށް އަންގާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެމަނިކުފާނުގެ މާލީ ބަޔާނުގައި އެ އެއް މިލިއަން ޑޮލަރު ފާހަގަކޮށްފައި ވަނީ "އެމްއެމްޕީއާރްސީގެ ފައިސާއިން އަދީބު ދިން" ފައިސާގެ ގޮތުގައި ކަމުން، ހުދު ރައީސް ޔާމީނަށް ވެސް އެ ފައިސާއާ މެދު ޝައްކު އުފެދޭކަން އެނގޭކަމަށް ހުކުމުގައިވެ އެވެ.
ކުށުގެ ދެވަނަ އުންސުރު ފުރިހަމަވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާ ޖަމާކުރަން އެސްކްރޯ އެކައުންޓެއް ހަދާފައި ވަނިކޮށް، އެ ފައިސާ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުގައި ބަހައްޓައި، މުޅިން އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން، އެއީ ކުށް ކުށްގެން ހޯދި ކަމަށް ރައީސް ޔާމީނަށް ވެސް ޝައްކު ކުރެވޭ ކަމަށްވާއިރު، އެމަނިކުފާނު ކުރި އެ އަމަލުތަކަކީ އެ ޝައްކު އުފެދިފައިވާ މުދާ އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުން ނޫންކަމަށް ބުނެވޭނެ ސަބަބެއް ނެތްކަމަށް ހުކުމުގައިވެ އެވެ.
ރަައީސް ޔާމީންގެ ފަރާތުން މިވީހާ ތަނަށް ބުނަމުން އައީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ އަދީބު ޖަމާކުރި ކެމްޕޭން ފައިސާ ކަމަށެވެ. އަދި އެއީ ހިޔާނާތުގެ ފައިސާކަން ނޭނގޭ ކަމަށެވެ. އެކަމަކު، ހުކުމުގައި ފާހަގަކޮށްފައި ވަނީ އެ ފައިސާއަކީ ކެމްޕޭން ފައިސާނަމަ އަމިއްލަ އެކައުންޓެެއްގައި އިންވެސްޓުކުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކެމްޕޭން ފައިސާ ޖެހޭނީ ޕާޓީގެ އެކައުންޓަށް ޖަމާކުރަންކަން ހުކުމުގައި ފާހަގަކުރި އެވެ.
ހެކިބަހާ މެދު އުފެއްދި ޝައްކު
ދައުލަތުގެ ހެކިވެރިންގެ ގޮތުގައި، އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނަގާފައިވާއިރު އެ ދެ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ބައެއް ކަމުންނާއި އެ ދެމީހުންނަކީ ރައީސް ޔާމީންގެ "ސިޔާސީ އަދުއްވުން" ކަމުން އެ މީހުން ބުނެފައިވާ ވާހަކަތައް ނަފީކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީންގެ ފަރާތުން ވަކާލާތުކޮށްފައިވެ އެވެ. އަދި މުއައްވިޒު ރަޝީދުގެ ހެކިބަސް ހަސަން ލުތުފީ ދައްކާފައި ހުރި ވާހަކަތަކާ ފުށުއަރާތީ އޭނާގެ ހެކިބަސް ވެސް ގަބޫލުނުކުރެވޭނެ ކަމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ބުނެފަ އެވެ.
އެކަމާ މެދު ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަވީ ހެކިވެރިއަކާއި، އެހެން ކިތާބީ ހެކިތަކުން، އަދީބާއި، ޒިޔަތާއި، މުއައްވިޒުގެ ވާހަކަތަކަށް ބާރުދޭ ކަމަށެވެ. އެހެންކަމުން، އެ މީހުންގެ ހެކިބަސް ބަލައިގަނެވޭނެކަމަށް ހުކުމުގައިވެ އެވެ. އަދި އެފަދައިން ބާރުދޭ ހެކިތައް ހުރިނަމަ، ހެކިބަސް ގަބޫލުކުރެވޭނެކަން ގާއިމުކުރަން 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކަށް ހުކުމުގައި ހަވާލާދީފައިވެއެވެ.