އއ. ފެރިދޫގައި ރޭ ދަންވަރު ގޭންގަކުން އެރަށުގެ ގެޔަކަށް ވަދެ މީހެއްގެ ބޯ ފަޅާލައި އެގެއަށް ގެއްލުން ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު 12:40 ކަންހާއިރު ފެރިދޫގައި ހަ މީހުންގެ ގޭންގަކުން 32 އަހަރުގެ ފިރިހެނެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގި ކަމަށެވެ.

އެ މާރާމާރީގައި އަނިޔާ ލިބުނު މީހެއްގެ ބޮލުން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ

އެގޮތުން އޭނާގެ ވާތު އުޅަނބޮށި ކަފައިގެންގޮސް ވާތު ކޮނޑުމަތިން ތަންކޮޅެއް ހަލާކުވެ ކަނާތު ލޯ ދުޅަވެގައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާގެ ގޭގެ ކުޑަ ދޮރިގެ ބިއްލޫރިތައް ތަޅާލައި ބަދިގޭގައި ހުރި ތެލި ތަށިތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

އެ މައްސަލައިގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެއެވެ.