01 Dec 2011, 08:38
ނިއުދިއްލީން: އަލީ ޝިމްރީ
އަންނަ ހުކުރު ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ފުރަތަމަ ތިބި ހޮޓަލް އިއްޔެ ބަދަލުކޮށްފި އެވެ.
ޤައުމީ ޓީމް ދިއްލީގައި ފުރަތަމަ ތިބީ ހިލްޓަން ހޮޓަލްގައެވެ. ނަމަވެސް ޓީމް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ބަދަލުވި ހޮޓަލަކީ ޑަބަލް ޓްރީ ބައި ހިލްޓަން ހޮޓަލަށެވެ. މި ދެ ހޮޓަލަކީ އެއްކޮށް އޮތް ބޮޑު އިމާރާތެއްގައި ދެ ބަޔަކަށް ހަދާފައިވާ ހޮޓަލެކެވެ.
ޓީމްގެ މީޑިއާ ކޯޑިނޭޓާ ޖައުޝަން ޝަރީފް ވިދާޅުވީ، ހޮޓާ ބަދަލު ކުރީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް ހޮޓާ ބަދަލުކުރީ ކޮންސަބަކާ ހުރެ ކަމެއް ޖައުޝަން ވިދާޅެއް ނުވެއެވެ.
"ޓީމް ތިބި ހޮޓަލް އިއްޔެ ވަނީ ބަދަލުވެފަ. މިހާރު ތިބެނީ ޑަބަލް ޓްރީ ބައި ހިލްޓަން ހޮޓަލްގަ. މިހާރު ތިބި ހޮޓަލަން ދަނޑަށް އާދެވޭނެ ގާތްގަޑަކަށް 35 މިނެޓުން" ޖައުޝަން ވިދާޅުވިއެވެ.