14 Jan 2020, 14:55
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އަލަށް ފަށާ ޕްރީނޭޓަލް ސްކީރިންގްއާއި ނިއުބޯން ސްކްރީނިންގް ހިދުމަތާ ގުޅޭ ވޯކްޝޮޕެއް ބާއްވަން އެސްޓީއޯއިން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ މި މަހުގެ މާދަމާ އަދި ބުރާސްފަތި ދުވަހު އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށެވެ.
މި ހިދުމަތްތަކާ ގުޅޭ ވޯކްޝޮޕްތަކެއް އެސްޓީއޯއިން ކުރިއަށްގެންދަން ރާވާފައިވާއިރު، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް އައިޖީއެމް ހޮސްޕިޓަލަށް ފޯރުކޮށްދީފައިވަނީ ވެސް އެސްޓީއޯއިންނެވެ.
އެސްޓީއޯ މެޑިކަލްސްގެ ސީނިއަރ ޖެނެރަލް މެނޭޖަރ އަހްމަދު ޝިފާން ވިދާޅުވީ މި ހިދުމަތް ފެށުމުގައާއި މިކަމާގުޅޭ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމުގައި އެސްޓީއޯއިން އިސް ދައުރެއް އަދާކުރާ މައިގަނޑު ސަބަބަކީ މިކަމުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާނެ ފައިދާ ބޮޑުވުން ކަމަށެވެ.
"އަލަށް އުފަންވާ ކުދިންނާ މާބަނޑު މީހުން ސްކްރީނިންގ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާއި ބެހޭގޮތުން އައިޖީއެމްއެޗްގެ މިކަންކަމުގައި އުޅުއްވާ ޑޮކްޓަރުންނާއި މަޝްވަރާކުރެވި، މި ހިދުމަތް ދެވޭނެ އިންތިޒާމު މިއަދު މި ވަނީ ހަމަޖެހިފައި. މިކަމަކީ ކުރިން ނަމަ، ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެއް. މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ކުރިއެރުމުގެ އިތުރުން މިކަމަށް އެެދި ބޭނުންވެފައި ތިބި ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމުގައި ދެކެން،" ޝިފާން ވިދާޅުވި އެވެ.
ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެކުއްޖާ ބައެއް ބަލިތަކަށް ސްކްރީންކޮށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި އެކަންކަން ދުރާލައި ދެނެގަތުމަށް މަގުފަހިވެގެންދާ ހިދުމަތެކެވެ.
ނިއުބޯން ސްކްރީނިންގެ ޚިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތައް ދެނެގަތުމަށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވޭ ސްކްރީން ކުރުމުގެ ހިދުމަތެކެވެ.
ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.