ސޮލީބެއް ރާއްޖެ ގެނައި ކުޑަކުއްޖެއްގެ މައްސަލައިގައި ޕީޖީ އޮފީހަށް އޮޅިގެން ކްރިމިނަލް ކޯޓްގައި ދައުވާ ކުރުމުން އެއީ ޖުވެނައިލް ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށްވާތީ އެ މައްސަލައިގައި އެކުއްޖާ ތިން އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މިހާރު އަށާރަ އަހަރު ފުރިފައިވާ ކުޑަކުއްޖާ ޖަލަށް ލުމަށް ކްރިނަލް ކޯޓުން ހުކުމް ކުރީ ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކޮށް ބަރަކާތް ލިބިގަންނަން ގެންގުޅޭ ސޮލީބެއް ރާއްޖެ އެތެރެކޮށްގެނެވެ. ސޮލީބުގެ ރާއްޖެ ގެނައި ކަމަށް ދަށު ކޯޓްގެ ޝަރީއަތުގައި އެކުއްޖާ ވެސް އިއުތިރާފު ވިއެވެ. އަދި ޝަރީއަތަށް ހާޒިރު ކުރި އެކްސްޕާޓް ވެސް ވިދާޅުވެފައި ވަނީ އެއީ ސޮލީބެއް ކަމަށެވެ.

މި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ޕީޖީން ދައުވާ ކުރީ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ތުހުމަތުގަ އެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ނުކުރެވޭނެ ކަމަށް ބުނެ ދަށު ކޯޓުން ދައުވާ ބަދަލުކޮށް ޖަލު ހުކުމެއް ކުރީ އަޅުކަންކުރަން ގެންގުޅޭ ބުދު ރާއްޖެ އެތެރެ ކުރި ކަމުގެ ކުށް ސާބިތުވަ ކަމަށް ބުނެ އެވެ.

މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު ޕީޖީން ހައި ކޯޓްގެ ޝަރީއަތުގައި ބުނެފައި ވަނީ ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ޖުވެނައި ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް އޭރު ކްރިމިނަލް ކޯޓަށް ހުށަހެޅުނީ އޮޅުމަކުން ކަމަށެވެ.

އިސްތިއުނާފު ޝަރީއަތް ނިންމައި ހައި ކޯޓްގެ ފަނޑިޔާރުން ފާހަގަ ކުރި ނުކުތާތަކުގައި ބުނެފައި ވަނީ ޖޫން 6، 2011ގައި އިންޑިއަން އެއާލައިން ފްލައިޓަކުން ރާއްޖެ އައި ކުއްޖާގެ ހޭންޑް ލަގެޖްގެ ތެރެއިން ސޮލީބެއް ފެނުނުއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 9 މަހާއި 29 ދުވަސް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ޕީޖީން ކްރިމިނަލް ކޯޓްގައި ދައުވާކޮށް ކުށް ސާބިތުވެގެން ހުކުމް ކުރި އިރު، ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ ޖަދަވަލުގެ (2) ގެ ދަށުން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ކްރިމިނަލް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ޝަރީއަތް ހިންގާފައި ވަނީ ސޮލީބް ރާއްޖެ އެތެރެ ކުރި ކުއްޖާގެ އުމުރު ރަނގަޅަށް ނުބަލައި ކަމަށާއި އެ ގަޒިއްޔާ ނިންމާފައި ވަނީ މިފަދަ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ އިޖުރާއަތާ ހިލާފަށް ކަމަށް ވެސް ހައިކޯޓްގެ ފަނޑިޔަރުން ވަނީ އިއްތިފާގުވެވަޑައިގެންފަ އެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއް ރައޫފު އިބްރާހީމް ބެއްލެވި ޝަރީއަތުގެ ހުކުމުގައިވާ ގޮތުން ކްރިމިނަލް ކޯޓްގެ ހުކުމުގެ ސަބަބުން ކުޑަކުއްޖާގެ ހައްގަށް ވަނީ އުނިކަން އައިސްފަ އެވެ.

"އެ ހުކުމަކީ އިޖްރާއީ ގޮތުން ސައްހަ ނޫން ހުކުމެއް ކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ކްރިމިނަލް ކޯޓްގެ ގަޒިއްޔާގައި ޕީޖީ އޮފީހުން ފަރާތުން .... [ކުޑަކުއްޖާގެ ނަން] މައްޗަށް ކުޅަ ދައުވާ ކަމާއިބެހޭ ކޯޓަށް [ޖުވެނައިލް ކޯޓަށް] އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އަންގައި، މިގޮތުގެ މަތިން މި ގަޒިއްޔާ ނިންމީމެވެ،"

މި ހުކުމް ކޮށްފައި ވަނީ ތިން މަސްދުވަހުގެ ތެރޭ އެކި ދުވަސްމަތިން ޝަރީއަތް ހިންގުމަށް ފަހު އެވެ.