14 Jan 2020, 20:11
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭކޮންގެ އަމިއްލަ ސިޓީއެއް އެފްރިކާގެ ސެނެގަލްގައި އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
"އޭކޮން ސިޓީ"ގެ ނަމުގައި ތައްޔާރުކުރާ އެ ސިޓީއާ ގުޅޭ އެއްބަސްވުމުގައި ވަނީ މިއަދު ސޮއިކޮށްފައެވެ.
ސެނެގަލް އަށް ނިސްބަތްވާ އޭކޮން އެތަނުގައި ސިޓީއެއް އުފައްދާނެ ކަމަށް އިއުލާނުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ.
ސެނެގަލްގެ ރައީސް މެކީ ސޯލް ހަދިޔާ ކުރައްވާފައިވާ 2،000 އޭކަރުގެ ބިމުގައި އޭކޮން ތައްޔާރުކުރާ ސިޓީ އަކީ ޒަމާނީ އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ވާނެ ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.
އަލަށް ތައްޔާރުކުރާ ސިޓީގައި ބޭނުންކުރާނީ އެ ސިޓީއަށް ހާއްސަ ފައިސާއެވެ. އެ ފައިސާއަށް ކިޔާނީ "އޭކޮއިން" އެވެ.
ހުޅަނގު އެފްރިކާ ސްޓޭޓުގައި އަލަށް ގާއިމުކުރި ބައިނަލްއަގުވާމީ އެއާޕޯޓުން ފަސް މިނެޓުގެ ކާރު ދަތުރެއްގައި އޭކޮން ސިޓީއަށް ދެވޭނެ ކަމަށް އޭނާ ބުނެއެވެ.
އޭކޮން ކުރީންވެސް ބުނެފައިވަނީ އޭނާ ބޭނުންވަނީ އެފްރިކާއަށް ރަނގަޅު އަދި ބޮޑެތި ބަދަލުތައް ގެނެސްދޭން ބޭނުންވާ ކަމަށެވެ. އަދި އަމިއްލަ އިހްތިޔާރު އޮތް ނަމަ އެފްރިކާ އަކީ ޔުނައިޓެޑް ސްޓޭޓް އޮފް އެފްރިކާއަށް ހަދާނެ ކަމަށް އޭނާ ބުންޏެވެ.
ގްރެމީ އެވޯޑުތަކަށްވެސް ނޯމިނޭޓް ވެފައިވާ އޭކޮންގެ ސިޓީގެ އެއްބަސްވުންތަކުގެ މަސައްކަތް ނިމުނު ނަމަވެސް އަމަލީ މަސައްކަތްތައް ނިމޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވަކި ޕްލޭނެއްވެސް އޭކޮން ހާމަކޮށްފައެއް ނުވެއެވެ.