14 Jan 2020, 12:26
ވެކްސިން ޖެހުމާ ދެކޮޅަށް އާންމުންނަށް މައުލޫމާތުދޭ ވައިބާ ގްރޫޕާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ވެކްސިން ޖެހުމާ ދެކޮޅަށް މައުލޫމާތު ފަތުރާ ވައިބާ ގްރޫޕެއްގެ އިތުރުން، ޓްވިޓާ އަދި ފޭސްބުކް މެދުވެިރކޮށްވެސް މިދިޔަ އަހަރުން ފެށިގެން މިފަދަ މައުލޫމާތުތަކެއް ބަޔަކު މީހުން ފަތުރަމުން ދެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މިފަދަ ވައިބާ ގްރޫޕެއް އުޅޭ މައްސަލަ 2019 ވަނަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވެއެވެ.
އަދި މިކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ގާތްގަނޑަކަށް 1،600 މީހުން ތިބޭ އެ ވައިބާ ގްރޫޕުގައި ވެކްސިން ދިނުމާ ދެކޮޅު ވާހަކަތައް ފަތުރާ އިރު، ބައެއް މީހުން ވަނީ ވެކްސިނަކީ ދޭންޖެހޭ އެއްޗެއްކަން އެމީހުންނަށް ވިސްނައިދިނުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އިއްޔެއިން ފެށިގެން އެ ވައިބާ ގްރޫޕުގައި މެސެޖުކުރުން ވަނީ ހުއްޓާލާފައެވެ.
މި ވައިބާ ގްރޫޕުގެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކޮށްފައި މިވަނީ މީސަލްސް ވެކްސިން ނުޖަހާ ހުރި ކުއްޖެއްގެ ގައިން މީސަލްސް (ހިމަބިހި) ފެނި، އަދި އެ ބަލި ރާއްޖޭގައި ފެތުރެމުންދާތާ ސަރުކާރުން އިއުލާނުކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން މި ފަހުން ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންވެސް ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާތަކެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން ވެކްސިން ދޭން ދެކޮޅު ހެދި ބައެއް އާއިލާތަކަށް ޖެންޑާ މިނިސްޓްރީން ދިން ނަސޭހަތް ގަބޫލުކޮށް، ތިން ކުއްޖަކަށް ވެކްސިން ދިނެވެ.
އަދި ވެކްސިން ދިނުމަށް ދިން ނަސޭހަތް ގަބޫލުނުކުރި އާއިލާއެއްގެ ކުއްޖަކު އަތުލައި، އެކުއްޖާގެ ބޮޑުދައިތައާ ހަވާލުކޮށްފައިވެސް ވެއެވެ.