30 Nov 2011, 21:10
ނިއުދިއްލީން: މުހައްމަދު ޝާން
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅެންޖެހޭ ފުރަތަމަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނައިރު ޓީމްގައި އެއްވެސް ކަހަލަ އަނިޔާގެ މައްސަލައެއް ނެތް ކަމަށް ދިވެހި ޤައުމީ ފުޓްބޯޅަ ޓީމްގެ ޑޮކްޓަރު އަހުމަދު ޝަކީބު ބުނެފިއެވެ.
ނެހެރޫ ސްޓޭޑިއަމް އާއި ޖެހިގެން އޮންނަ ޕްރެކްޓިސް ފީލްޑުގައި މިއަދު ރާއްޖެ ގަޑިން ހަވީރު 3:30 ގައި ޤައުމީ ޓިމް ކުރި ދެ ވަނަ ޕްރެކްޓިސްގެ ތެރެއިން ސަން އޮންލައިންއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޑރ. ޝަކީބު ބުނީ، ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށާއި ފުރަތަމަ ޕްރެކްޓިސް އަށް ފަހު ވެސް ޓީމް އޮތީ ވަރަށް ފިޓް ކޮން ކަމަށެވެ.
" އިރާދަ ކުރެއްވިއްޔާ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައެއް ނެތް. ޓީމް އޮތީ ވަރަށް ފިޓްކޮށް. ކޮރެއް ޖަހާލާނެ ކުޅުންތެރިއަކުވެސް ނެތް. އެކަހަލަ ކުޅުންތެރިއަކު ނުވެސް ފެނެ." ޝަކީބު ބުންޏެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު، ރާއްޖެ ގަޑިން 5:30 ގައި ނެޕާލާ ދެކޮޅަށް ނުކުންނައިރު ޑރ. ޝަކީބު ބުނީ، ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) ވެސް ހުރީ ވަރަށް ފިޓްކޮން ކަމަށާއި ކުރިއަށް ވުރެވެސް ދަނގަޑޭ މިހާރު ފިޓް ވާނެ ކަމަށެވެ.
"މުބާރާތުގައި ވާދަކުރަން ދިއްލީއަށް އައިސް މިތިބި 20 ކުޅުންތެރިންނަކީ 100 ޕަޝަންޓް ފިޓް ކުޅުންތެރިން. ޓީމް އައީވެސް ފިޓްކުޅުންތެރިނާއެކު." ޝަކީބު ބުންޏެވެ.
މީގެއިތުރުން ސަކީބު ބުނީ، މިފަހަރުގެ މުބާރާތަށް ދިވެހި ޓީމް ތައްޔާރުވަމުން އާއިރު އައިޖީއެމްއެޗް ހޮސްޕިޓަންގެ ކަށީގެ ޑިޕާާޓް މަންޓުން ޓީމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދިންކަމަށެވެ.
މިދިޔަ އަހަރު ކޮމެންވެލްތު ގޭމްސް ބޭއްވި ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމް ގައި މިފަހަރުގެ މުބާރާތް ބާއްވާއިރު، ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ގަޑިން 3:30 ގައި ބައްދަލުކުރާ ދެޓީމަކީ ބްގްލަދޭސް އާއި ޕާކިސްތާނެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.