ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ނޭކުރެންދޫ އަށް ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމަށް ބާއްވާ ހަރަކާތެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. މި ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއި އެކުގައިކަން ކަށަވަރު ކުރުމެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ ރައީސް ނޭކުރެންދޫ އަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމްޑީޕީ އިން ހދ އަތޮޅުގައި ކުރިއަށްގެންދާ ކެމްޕެއިން ގައި ބައިވެރިވެ ވަޑައިގަތުމަށް ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަންނަވާނެ ކަމަށެވެ.