ލަކްސް ސައުތު އަރި އެޓޯލްގެ ފަރާތުން ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް 14،000 ޑޮލަރު ދީފި އެވެ.

ލަކްސް ސައުތު އަރި އެޓޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ރިސޯޓުގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ ޖޮނަސް އަމްސްޓަޑްއެވެ. އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ ޝިދާތާ ޝަރީފެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ލަކްސް ރިސޯޓުން ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކޮށްފައިވަނީ 7،000 އެމެރިކާ ޑޮލަރުގެ އިތުރުން ފިޔަވަތިއަށް ވެސް 7،000 އެމެރިކާ ޑޮލަރު ކަމަށެވެ.

ލަކްސް ރިސޯޓުން ކުޑަކުދިންގެ ހިޔާއަށް ފައިސާގެ އެހީ ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޖެންޑާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އެ އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާން، ރައްކާތެރި އަދި ދިރިއުޅުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އިސްނެންގެވުމުގެ މަތިން ދެއްވާ މި ފަދަ އެހީތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 155 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 107 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތިގައެވެ. އަދި 13 އަހަރުން މަތީގެ 48 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައެވެ.