ރާއްޖޭގައި ފެތުރެމުންދާ ކަމަށް އިއުލާން ކޮށްފައިވާ މީސަލްސް ނުވަތަ ހިމަ ބިހީގެ ވެކްސިން ދަމަނަވެށިން ދޭން ފަށައިފި އެވެ.

ދަމަނަވެށިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މީސްލްސް ވެކިސިން ދިނުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.

އެގޮތުން މީސްލްސް ވެކްސިން ޖަހައި ދޭނީ އެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު، ކުއްޖާގެ އައިޑީ ކާޑުގެ އިތުރުން ވެކްސިން ފޮތް ގެނައުމަށް ވެސް ދަމަނަވެށިން ވަނީ އެދިފަ އެވެ.

އެ ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީއެއް ނެގުމެއް ނެތި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.