14 Jan 2020, 07:13
ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް، އޮސްކާސްގެ މިއަހަރުގެ ނޯމިނޭޝަން ރޭހުގެ އެންމެ ކުރީގައި، މިދިޔަ އަހަރުގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ ޖޯކާ ހިމެނިއްޖެ އެވެ.
މިއަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ 92 ވަނަ އޮސްކާސް އެވޯޑުގައި ޖުމްލަ 11 ނޯމިނޭޝަން ހޯދައި އެންމެ ގިނަ އެވޯޑުތަކަށް ނޯމިނޭޓް ވެފައިވާ ފިލްމަކަށް އެ ފިލްމު ވަނީ ވެފަ އެވެ.
މިއީ ގިނަ ބަޔަކު އުއްމީދުކުރި ނަތީޖާއެކެވެ. އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ވެނިސް ފިލްމު ފެސްޓިވަލްގައި ޖޯކާ ދައްކަން ފެށުމާއެކު ވެސް އެ ފިލްމު ގިނަ އެވޯޑުތަކެއް ހޯދާނެ ކަމަށް ކްރިޓީކުން ވަނީ ބުނެފަ އެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައިވާ ފިލްމުތައް
މިއަހަރުގެ އޮސްކާސްގެ އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ، އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުންގެ އެވޯޑަށްވެސް ވަނީ އެ ފިލްމު ނޯމިނޭޓްވެފަ އެވެ. އެގޮތުން ޖޯކަރުގެ ފަރާތުން، ވާކީން ފީނިކްސް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ނޯމިނޭޓްވެފަ އެވެ.
ފިލްމުތަކުުގެ ނޯމިނޭޝަނަށް ބަލާއިރު ދެން އެންމެ ކުރީގައި އުޅެނީ "އައިރިޝްމޭން" އާއި "1917" އަދި "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް" އެވެ. އެ ތިން ފިލްމުގެ ތެރެއިން ކޮންމެ ފިލްމެއްވެސް ވަނީ 10 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.

އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ނޯމިނޭޝަންތަކުގައި ހިމެނޭ އެކްޓަރުންނާއި ފިލްމު ޕޯސްޓަރު
"ޖޯޖޯ ރެބިޓް" އާއި "ލިޓްލް ވިމެން" އާއި "މެރިޖް ސްޓޯރީ" އަދި "ޕެރަސައިޓް"ވެސް އުޅެނީ އޮސްކާސްގެ ނޯމިނޭޝަން ރޭހުގެ ވަރަށް ކުރީގަ އެވެ. އެ ހަތަރު ފިލްމުގެ ތެރެއިން ކޮންމެ ފިލްމެއް ވެސް ހަ އެވޯޑަކަށް ވަނީ ނޯމިނޭޓްވެފަ އެވެ.
ތިރީގައި އެވަނީ ބައެއް ޝަރަފުވެރި އެވޯޑުތަކުގެ ނޯމިނޭޝަނެވެ.
އެންމެ މޮޅު ފިލްމު
- ޕެރަސައިޓް
- ޖޯކަރ
- އައިރިޝްމޭން
- ޖޯޖޯ ރެބިޓް
- ލިޓްލް ވިމެން
- މެރިޖް ސްޓޯރީ
- 1917
- ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް
އެންމެ މޮޅު އެކްޓްރެސް
- ސިންތިއާ އެރީވޯ
- ސްކާލެޓް ޖޯހެންސަން
- ސާޝީ ރޯނަން
- ޝާލީޒް ތިރޯން
- ރެނޭ ޒެލްވީގާ
އެންމެ މޮޅު އެކްޓަރު
- އެންޓޯނިއޯ ބަންޑެރާސް
- ލިއަނާޑޯ ޑިކެޕްރިއޯ
- އެޑަމް ޑްރައިވާ
- ވާކީން ފީނިކްސް
- ޖޮނަތަން ޕްރައިސް