30 Nov 2011, 18:23
ބީލަމަށް ނުލައި ހދ. ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ހެވީލޯޑާ ހަވާލުކޮށް، 10.3 މިލިއަން ރުފިޔާއަށް ނިންމުމަށް އެއްބަސްވި މަޝްރޫއުއަށް އިތުރު 11.9 މިލިއަން ރުފިޔާ ދައުލަތުން ދީފައިވާ ކަމަށާއި ހަ މަސްދުވަހުގެ ތެރޭ ނިންމަން އެއްބަސްވި ޕްރޮޖެކްޓް ދެ އަހަރާއި ހަތް މަހުން ނިމުނުއިރު، މަސައްކަތް ނުހިގާ ދުވަސްތަކަށް ކޮންޓްރެކްޓަރަށް ދައުލަތުން އިތުރަށް ދީފައިވާ އެތައް މިލިއަން ރުފިޔާއެއް ދެވިފައިވާ ގޮތް ބެލުމަށް ފަހު އެ ފައިސާ މިހާރުން މިހާރަށް ހޯދަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
ކުމުންދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރި ގޮތް އޮޑިޓް ކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމަށް ރައްޔިތުންގެ މަޖިލީގުގެ މާލިއްޔަތު ކޮމެޓީ އަށް ރިޕޯޓް ހުށަހެޅުމަށް ފަހު އިއްޔެ ނެރުއްވެވި ރިޕޯޓްގައި ބުނެފައި ވަނީ ހަ މަސް ދުވަހުގެ ތެރޭ ނިންމުމަށް އެއްބަސްވި މަޝްރޫއު ދިގުލައިގެން ގޮސްފައި ވަނީ މަސައްކަތް ހަވާލު ކުރި ފަރާތުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލާފައި ނުވާތީ ކަމަށެވެ. އެގޮތުން މަސައްކަތުގެ ފެންވަރު ހިފެހެއްޓުމާއި އެއްބަސްވުމުގެ އަގުގެ ތެރޭގައި މަސައްކަތް ނިންމިފައި ނުވާ ކަމަށެވެ.
ނޮވެމްބަރު 2007ގައި ހެވީލޯޑާ ހަވާލު ކުރި ކުމުންދޫ ބަނދަރުގެ އޮޑިޓް ރިޕޯޓްގައި ވަނީ މަސައްކަތް ރޭވިފައިވާ ގޮތަށް ބަދަލު ގެނެސް ނިންމަން ޖެހޭ މުއްދަތު އިތުރުކޮށް ހެދުމަކީ ރޭވިގެން ހިންގޭ ހިޔާނާތްތަކެއް ކަމަށެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް ބީލަމަކަށް ނުލައި އެ ޕްރޮޖެކްޓް ހެވީލޯޑާ ހަވާލުކުރީ ވާހަކަ ދައްކާލުމަށް ފަހު ކަނޑައެޅި ރޭޓްތަކަކަށް އެ ކުންފުނިން އެއްބަސްވުމުން ކަމަށެވެ.
ބަނދަރުގެ މަސައްކަތްނުކޮށް ދިޔަ ހަތް މަހަށް ދައުލަތުގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ ހެވީލޯޑަށް ދީފައިވާ ކަމަށާއި އައިޑްލް ޓައިމްގެ ގޮތުގައި ކޮންޓްރެކްޓާއަށް ދިން އިތުރު ފައިސާ، ދިން ގޮތް ބެލުމަށް ފަހު ކޮންޓްރެކްޓާ އަތުން ފައިސާ ހޯދައި މިހާރުން މިހާރަށް ދައުލަތުގެ ޓްރެޒަރީއަށް ޖަމާކުރެއްވުމަށް ވެސް ދަންނަވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޑިޓް އޮފީހުން ނެރެފައިވާ 20 ސަފުހާގެ ރިޕޯޓްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީ އިން މަސައްކަތް ހުއްޓާލުމަށް އަންގައިގެން މަސައްކަތް ހުއްޓާލާފައި އޮތް 49 ދުވަހަކަށް އެ މިނިސްޓްރީ އިން ބިލް ކުރުމަށް ބުނެފައި ވަނީ ދުވާލަކު 23،845.77 ރުފިޔާގެ ރޭޓުން ކަމަށާއި އެއީ މަސައްކަތުގެ ކޮންޓްރެކްޓް އަގުން ދުވާލަކަށް ޖެހޭ ވަރު ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީ އިން ފުރަތަމަ ފަހަރު ފައިސާ ދައްކާފައި ވަނީ ދުވާލަކު 27،197.8 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި ދެ ވަނަ ފަހަރު ފައިސާ ދޫކޮށްފައި ވަނީ ދުވާލަކަށް 24،299.33 ރުފިޔާގެ ރޭޓުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެ ދެ ފަހަރަކަށް ދެ ރޭޓަކުން އެ މިނިސްޓްރީ އިން ހެވީލޯޑަށް ދޫކޮށްފައިވާ ފައިސާގެ އަދަދު ވެސް 177،856.17 ރުފިޔާ އަށް އަރާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.
ކުމުންދޫ ބަނދަރުގެ ބޭރު ތޮށިލުމަށް ބޭނުންވާ ބޮޑު ހިލަ ގެނަސްފައި ވަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު، ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ދޫކުރި، 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިޒިލީސްގެ ދަށުން ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި ބުނަނީ އެ ކްރަޑިޓް ފެސިލިޓީ ހެވީލޯޑަށް ބޭނުން ކުރުމުގެ ފުރުސަތު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށެވެ.
"މި ލޯނުގެ ދަށުން މެޓީރިއަލް ގެނައުމަށް ޓަކައި އެސްބީއައިގައި އެލްސީއެއް ހުޅުވައި ގެންނަ ތަކެއްޗަށް ޖެހޭ އަގާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާ އިން ކޮންޓްރެކްޓަރު ބަހައްޓަން ޖެހެ އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ކޮންޓްރެކްޓަރަށް ދީފައި ވަނީ ބޮޑުހިލަ ގެނައުމަށް." އޮޑިޓް ރިޕޯޓްގައިވެ އެވެ.
އޮޓިޓް ރިޕޮޓްގައި ބުނެފައި ވަނީ ކުމުންދޫ ބަނދަރުގެ މަސައްކަތް ކުރަމުން ދިޔަ އިރު، ދެ ފަހަރެއްގެ މަތީން ހައުސިން މިނިސްޓްރީގެ ފަރާތުން މަސައްކަތުގެ ފެންވަރު ބެލި ކަމަށެވެ. އަދި މަސައްކަތް ނިމުމުން "ޑިފެކްޓްސް ލައިބިލިޓީ އިންސްޕެކްޝަން" ހެދި ކަމަށާއި ނަމަވެސް އެ ރިޕޯޓް އޮޑިޓް އޮފީހަށް ލިބިފައި ނުވާ ކަމަށެވެ.