14 Jan 2020, 07:19
އަންނަ އަހަރު އީދުގައި ސަލްމާން ހާން ނެރޭ ފިލްމު "ކަބީ އީދު ކަބީ ދިވާލީ"ގެ އަންހެން ބަތަލާ އަކަށް ބޮލީވުޑްގެ ތަރި ކްރިތީ ސެނަން ހަމަޖައްސައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފިލްމުގެ އަންހެން ބަތަލާގެ ރޯލުން ސަލްމާން އާއި ކްރިތީ ފެނިގެން ގޮސްފިނަމަ މި ފިލްމުވެގެންދާނީ އެދެ ޖޯޑު އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.
މި ފިލްމަށް މިހާރު ކްރިތީގެ ސޮއި ހޯދާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ސަލްމާންގެ މި ފިލްމަށް ކްރިތީ ނެގި ސަބަބަކީ ސްކްރީނުން އާ ޖޯޑެއް ގެނެސްދިނުމުގެ މަގްސަދުގައި ކަމަށްވެސް ހަބަރުތައް ބުނެއެވެ. ނަމަވެސް މި ފިލްމުގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ފިލްމަކީ ސާޖިދު ނަޑިއަދްވާލާ ޕްރޮޑިއުސްކޮށް ފަރްހާދު ސަމްޖީ ޑައިރެކްޓްކޮށް ސިނަމާތަކަށް ގެނެސްދޭ ފިލްމެކެވެ.
ސަލްމާން އާއި ސާޖިދު ގުޅިގެން އެންމެ ފަހުން އުފައްދާފައިވަނީ 2014 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ކިކް"އެވެ. ސަލްމާން އެންމެ ފަހުން ފެނިގެންދިޔައީ "ދަބަންގް 3" އިންނެވެ.
ނަޑިއަދްވާލާ އެންޓަޓެއިންމަންޓުގެ ފިލްމަކުން ބޮލީވުޑަށް ތައާރަފްވި ކްރިތީ އަންނަނީ ގިނަ ފިލްމުތަކުން ޖާގަ ހޯދަމުންނެވެ. ކްރިތީ ބޮލީވުޑަށް ތައާރަފްވީ 2013 އަހަރު ނުކުތް "ހީރޯޕަންތީ" އިންނެވެ. އެ ފިލްމަކީ ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު އެއް ބަތަލު ޓައިގާ ޝްރޮފް ވެސް ބޮލީވުޑަށް ނުކުތް ފިލްމެވެ.