30 Nov 2011, 17:44
ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު (ބަކްސީ) 21، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރާ ގ. ކޯޒީ އިބުރާހިމް ޝަހުމް އާދަމް ފިލުވިކަމަށް ބުނެ ލ. މާވަށު، އެވަބްލޫ މުހައްމަދު ވިސާމާއި އިތުރު ތިން މީހެއްގެ މައްޗަށް ހިންގާ ޝަރީއަތުގައި ހެކިބަސް ނެގުމަށް މިއަދު ބޭއްވި މަޖިލީހުގައި ދައުލަތުގެ ވަކީލު ހެކީންނާއި ސުވާލުކުރެއްވި ގޮތުން ހެކިން ސިއްރު ނުވެ ހާމަވެއްޖެ އެވެ.
ބަކްސީއަށް ހަމަލާދީ ފައި ވަނީ މި އަހަރުގެ މާޗް 17 ވަނަ ދުވަހުގެ ފަތިހު މާލޭގަ އެވެ.
އަހުސަންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ނުރައްކާތެރި ޝަހުމް ފިލުވި ކަމަށް ބުނެ ނުރައްކާތެރި ވިޝާމްގެ އިތުރުން ދައުވާކޮށްފައިވަނީ މއ. ސީނަރީވިޔު އާތިފް ރަޝީދާއި މއ. ވޮއްކޮޅުގެއާގެ މުހައްމަދު ނާޒިމް އަދި މއ. ގިރި، މުހައްމަދު ހަސަނެވެ.
ހެކިބަސް ދޭ މީހުން ވަކިތަނެއްގައި ބައިތިއްބައި އަޑު ބަދަލުކޮށްގެން ހެކިބަސް ނެގުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީސް ފެށުމުގެ ކުރިން ހެކީންގެ އައިޑެންޓިޓީ ހާމަވާފަދަ އެއްވެސް ސުވާލެއް ނުކުރެއްވުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ އަންގަވާފަ އެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ހެކިބަސް ދިން މީހުންނާއި ސުވާލުކުރެއްވި ގޮތަކުން ހެކިބަސް ދިން މީހުންގެ އައިޑެންޓިޓީ ވަނީ ހާމަވެފައެވެ. ހެކީންކެ އައިޑެންޓިޓީ ހާމަވާފަދަ ސުވާލުތަކެއް ދައުލަތުގެ ވަކީލު ކުރުމުން ގާޒީ ވަނީ އެ ސުވާލުތައް ކުރުން ހުއްޓުވާފައެވެ.
މިއަދު ހެކިބަސް ދީފައިވަނީ ދެ މީހުންނެވެ. ފުރަތަމަ ހެކިބަސް ނެގި މީހާ އާއި ދައުލަތުގެ ވަކީލު ކުރެއްވި ސުވާލަކީ "ފުލުހުންނާއެކީ މީހަކު ހައްޔަރުކުރުމަށް މ. ކޮޅުފުއްޓާ ދިމާލުން ހުޅަނގަށް އޮންނަ ކުރެލި ނަމަކަށްކިޔާ ފަޅު ރަށަކަށް ދިޔައިންތޯ؟" އަދި "މީހަކު ހައްޔަރުކުރިން ތޯ؟" އެވެ. އެގޮތަށް ސުވާލުކުރުމުން ހެކިބަސް ދިނީ ފުލުހެއްކަން ވަނީ ހާމަވެފައެވެ.
ދެވަނަ މީހާ އާއި ކުރި ސުވާލަކީ "ދަތުރަކު ދިޔައިންތޯ އާއި އަދި އެއްވެސް ބަޔަކު ގޮވައިގެން ދަތުރު ކުރިންތޯ؟" އެވެ. އެގޮތަށް ސުވާލުކުރުމުގެ ސަބަބުންނާއި ހެކިވެރިޔާ ދިން ޖަވާބުތަކުން އެއީ ލޯންޗުގައި ދަތުރުކުރި ފަޅުވެރިއެއްކަން ވަނީ އެނގިފަ އެވެ.
ހެކިބަސް ދިން މީހުން ބުނީ ނާޖިހު ކިޔާމީހަކާއި ޝަހުމް އެތަނުން ހައްޔަރުކުރިކަން އެނގޭ ކަމަށާއި އެ މައްސަލައިގައި ދައުވާލިބޭ އެއްވެސް މީހަކު ހައްޔަރު ކުރިކަން ނޭނގޭ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ނިންމަވައިލެއްވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އިތު ބައެއްގެ ހެކިބަސް ނަގާނެކަމަށް އިއުލާން ކުރައްވަމުންނެވެ.