ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާއެކު އެ ބަލި ޖެހުނު ތިން އަހަރުގެ ކުއްޖާއަށް ބަލި ޖެހުނީ ކިހިނެއްތޯ ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.

ރާއްޖެއިން ހިމަބިހި އަލުން ފެނުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ފެތުރުނީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުންތޯ، ނޫންތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މި މަހުގެ އަށްވަނަ ދުވަހު ހިމަބިހީގެ ކޭސް އެއް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ހިމަބިހި ޖެހިގެން ފަރުވާ ދިނީ ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

އަދި ހިމަބިހި ޖެހިގެން 30 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް މިހާރު ފެނިފައި ވާއިރު، އޭނާގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެނގުނު މައުލޫމާތުން އެންމެ ފުރަތަމަ މި ދިމާވި ކުއްޖާ މި ދުވަސްވަރުގައި ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ކުއްޖާއަށް ބަލިޖެހުނީ ކީއްވެގެންތޯ ދެނެގަތުމަށް ޖެނެޓިކް ޓެސްޓުތައް ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.

"އެއީ ރާއްޖެއިން ބޭރުން ކުރާ ޓެސްޓެއް ވީމާ ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވީ ޓެސްޓުގެ ނަތީޖާ ލިބުމުން ބަލީގެ ފެށުން ދެނެގަނެވޭނެ ކަމަށެވެ.

ހިމަބިއްސަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވުމުން އެ ބަލީގެ އެންމެ ކޭހެއް ފެނުނު ނަމަވެސް އެއީސީރިއަސް ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ބަލި ފެތުރިދާނެ ކަމަށްޓަކާ އަޅަންޖެހޭ ފިޔަވާޅުތައް އެޅުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

"އާދަޔާ ހިލާފަށް ބަލިފެތުރޭ ހާލަތަކަށް ވެއްޖެ ނަމަވެސް ސަރުކާރުން މިހާރު އެކަމަށްވެސް ތައްޔާރު ވެފައިވަނީ. އެގޮތުން މިހާރު ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީ ގާއިމުކުރެވި އައިސޮލޭޓު ކުރަންޖެހޭ ހާލަތެއް ފާހަގަ ކުރެވޭނެމަ އެ ފެސިލިޓީ ބޭނުން ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިފައިވާނަމަ:

- މާލޭގައި ނަމަ އައިޖީއެމްއެޗަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ
- ހުޅުމާލޭގައި ނަމަ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ
- އަތޮޅުތެރޭގައިނަމަ އެރަށެއްގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކަށް ދިޔުމަށް މިނިސްޓްރީ އިން އިރުޝާދުދޭ

ކުރިއަށް އޮތް ތިން މަހަށް ވެކްސިން ދިނުމުގެ ހާއްސަ ހަރަކާތެއް ރާވާފައިވާކަން ވެސް މިނިސްޓަރު މިއަދު އިއުލާނު ކުރެއްވި އެވެ.

"ވެކްސިންގެ ކަވަރޭޖު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މިއަދުން ފެށިގެން މަސައްކަތް މި ފަށައިފަތީ،" މިނިސްޓަރު ވިދާޅުވީ ހިމަބިހި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް އެ ޑޯޒް ފުރިހަމަ ކުރުމަކީ ލާޒިމް ކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ދޭ ވެކްސިން ރާއްޖެ ގެނައުމަށް ޑަބްލިއުއެޗްއޯ އާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވެކްސިން ގެނައުމަށް ހޭދަވާނީ 10 ވަރަކަށް ދުވަސް ކަމަށާއި މިވަގުތަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިވަގުތަށް ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށްވާ ވަރަށް ވެކްސިން އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.