ބަޣްދާދު (13 ޖަނަވަރީ 2020) : އިރާގުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ރޮކެޓް ޙަމަލާތަކެއް ދީފިކަމަށް އިރާގުން ބުނެފި އެވެ. އިރާގުގެ އަމަނާބެހޭ ދާއިރާއިން ބުނީ ކެޓްޔޫޝާ ރޮކެޓް ބޭނުންކޮށްގެން ޙަމަލާދީފައިވަނީ އެމެރިކާ ސިފައިން ހަރަކާތްތެރިވާ އިރާގުގެ "ބަލަދު" ވައިގެ ބޭސް އަށް ކަމުގައެވެ. "ބަލަދު" ބޭހުގައި ހަރަކާތްތެރިވި އިރާގު ސިފައިންގެ ހަތަރު މީހަކު އެޙަމަލާތަކުގައި ޒަޚަމްވެފައިވާ ކަމަށްވެސް އިރާގުގެ އަމަނާބެހޭ ދާއިރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

"ބަލަދު" ވައިގެ ބޭހަކީ ބަޣްދާދުގެ އުތުރުގައިވާ ސަލާހުއްދީން ޕްރޮވިންސްގައިވާ ބޭހެކެވެ. އެމެރިކާ ސިފައިން އިރާގުން ބޭލުމަށް ގޮވާލާ އަޑުތައް އިރާގުގެ ތެރޭގައި ގަދަވެފައިވާ މިދުވަސްވަރު "ބަލަދު" ވައިގެ ބޭހަށް ހަމަލާދިނީ ކޮންފަރާތަކުންކަން އެނގިފައެއް ނުވެއެވެ. އަދި އެކަމުގެ ޒިންމާވެސް އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ. އިރާގު ސިފައިންނާ ގުޅިފައިވާ ދެ މިލީޝިއާ ކަމަށްވާ "ހަޝްދުއްޝައަބީ" އާއި "އަސާއިބު އަހްލުލްހައްގު" ންވަނީ އިރާގުން އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާއަށް ފިއްތުންތައް ކުރިމަތި ކުރުމަށްޓަކައި އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކަށް ޙަމަލާތައް ދެމުން ގެންދާނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއިން އީރާނުގެ އަސްކަރީ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ކުރިން އެމެރިކާވަނީ "ހަޝްދުއްޝައަބީ"ގެ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއް ދީ އެޖަމާއަތުގެ އަށާވީސް މީހުން މަރާލާފައެވެ. އެކަމަށް ބަދަލުހިފުމުގެ ގޮތުން އިރާގުގެ އެތަށް ހާސްބަޔަކުވަނީ ބަޣްދާދުގައި ހުންނަ އެމެރިކާ އެންބަސީ ހިސާރުކޮށް އެތަނުގެ މަސައްކަތް ހުއްޓުވައި އެތަނުގެ ބައެއްގައި ހުޅުޖަހައި އެންބަސީގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާވަނީ ބަޣްދާދުގައި ހުންނަ އެގައުމުގެ އެންބަސީގެ ގިނަ ހަރަކާތްތައް ހުއްޓާލައި އެންބަސީގެ ބޮޑުބައި ބަންދުކޮށް ޑިޕްލޮމެޓުންގެ ގިނަ ބަޔަކު އަނބުރައި އެމެރިކާއަށް ގެންގޮސްފައެވެ.

ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާ ހަމަލާދީފައިވަނީ އިރާގުގެ ބިން ކަމަށްވާތީ އިރާގުންވަނީ އެމެރިކާ ސިފައިން އެގައުމުން ބޭލުމަށް ގޮވާލާފައެވެ. އަދި އިރާގުގެ ޕާލަމެންޓްގެ އަޣްލަބިއްޔަތުންވަނީ އިރާގުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމަށް ގޮވާލާ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. ނަމަވެސް އިރާގުން ނުފައިބާނެ ކަމަށް ވިދާޅުވެ އިރާގުގެ ޕާލަމެންޓަށް ގޮންޖެއްސެވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުންވަނީ އެމެރިކާ ސިފައިން އިރާގުން ބާލަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފަ އެވެ.

ޖެނެރަލް ގާސިމް ސުލައިމާނީގެ މަރަށް އެމެރިކާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ހަމަލާދިނީ ވެސް އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ ބޭހަކަށެވެ. އެއީ އަންބާރުގައިވާ ޢައިނުލްއަސަދު ބޭހާއި އިރްބީލްގައިވާ ހަރީރު ބޭހަށެވެ. އެމެރިކާއިން އިރާގުގެ ޖަމާއަތްތަކަށް ހަމަލާދިނުމަށާއި އީރާނުގެ މަސްއޫލުވެރިންނަށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރަމުން ގެންދާ މައްސަލަ ހޫނުވެފައިވާއިރު އިރާގުގެ އާންމުން ވެސް ވަނީ އިރާގު ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި އެމެރިކާ ސިފައިން އިރާގުން ބޭލުމަށް ގޮވާލަން ފަށާފަ އެވެ.

އިރާގުގައިވާ އެމެރިކާ ސިފައިންނަށް ހަމަލާދެމުން ގެންދާނެކަމުގެ އިންޒާރު "ހަޝްދުއްޝައަބީ" އާއި "އަސާއިބު އަހްލުލްހައްގު" ފަދަ މިލީޝިއާތަކުން ދެމުން ގެންދާތީ އެމެރިކާ ސިފައިންނަށް އިރާގުގައި ރައްކާތެރިކަން ނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއާއެކު އެމެރިކާ ސިފައިން އިރާގުގައި އުޅެންޖެހިފައިވަނީ ބިމުއަޑީގެ ބިންގަރާސްތަކުގައި ކަމަށާ މިކަމުގެ ސަބަބުން އެމެރިކާ ސިފައިން އިރާގުގައި އަދާކުރާ ދައުރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަންބަޔާންކޮށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށްފައެވެ. (ނޫސްއެޖެންސީތައް)