އިލެކްޝަން ކޮމިޝަނުގެ ކުރީގެ ނައިބް ރައީސް އަހުމަދު ޝާހިދު (ސާބެ) އެކޮމިޝަނުގެ ޑާޓާތަކުގެ ޕާސްވޯޑް ގަވާއިދާ ހިލާފަށް ހޯދައި 2008 ވަނައަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވަގަށް ޑާޓާތަކާއި ކުޅެ ނަތީޖާ ބަދަލްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ހުށައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އޭސީސީގެ ރައީސަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މީގެ ދޮޅުމަހެއްހާ ދުވަސްކުރިން އިލެކްޝަން ކޮމިޝަނުގެ މެންބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރުމުން ދީފައިވާ މައުލޫމާތުން އެނގިފައިވަނީ ސާބެ އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދައްކައި މަޖުބޫރުކޮށް، ޕާސްވޯޑް ހޯދައި އެ ޕާސްވޯޑް ބޭނުން ހިފައިގެން ނާޖައިޒް އަމަލުތަކެއް ހިންގެވި ކަމަށެވެ.

އަދި ބުނެފައިވަނީ އިލެކްޝަން ކޮމިޝަނުގެ އިދާރަގައި ކަންހިގާ އުސޫލަށް ބަލައިރު ވޯޓްލާ މީހުންގެ ލިސްޓާއި، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާއި ވޯޓްގެ ނަތީޖާތައް ރައްކާކުރާ ޑާޓާތަކުގެ ޕާސްވޯޑް ހަވާލު ކުރެވިފައިވަނީ އެ ކޮމިޝަނުން ކަނޑައަޅާ ދެ ތިން މުވައްޒަފަކާއި ކަމަށާއި އެ ކޮމިޝަނުން ބަލަމުން ގެންދާ ކަންކަމުގެ ހައްސާސްކަން ބޮޑުކަމުން ޑާޓާތަކާއި ކުޅުމަށް ހުއްދަ ދެވިފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް ދިނުމާއި ބޭނުންކުރަމަކީ އެއްވެސް އިރެއްގައި ހުއްދަ އޮންނަކަމެއް ނޫންކަމަށެވެ.

ނަމަވެސް އެމުވައްޒަފުންނަށް ބިރުދައްކައި މަޖުބޫރުކޮށްގެން ސާބެ ކޮމިޝަނުގެ ޑާޓާތަކާއި ވަގަށްކުޅެ މައުލުމާތުތަކަށް ބަދަލު ގެނެސް ގާނޫނާއި ހިލާފު އެތައް އަމަލުތަކެއް ހިންގާފައިކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައި ވެއެވެ.

"... އަދި ވަކިން ހާއްސަކޮށް 2008 ވަނއަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ބަދަލު ގެނެސް އިނތިހާބުގެ ވޯޓުގެ ނަތީޖާ އޮޅުވާލުމުގެ މަސައްކަތްތަކެއް މި ޕާސްވޯޑް ބޭނުން ކޮށްގެން ސާބެ ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހަރުގެ ވޯޓުގެ ދެ ބުރުގައިވެސް ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ބޮޑެތި މައްސަލަތައް ހުރިކަމާ ވާއެއް ނުވާއެއް ނޭނގި ވޯޓްލާ މީހުންގެ ރަށްރަށް ބަދަލުވެފައިވާކަން ވެސް ފާހަގަކުރެވިފައިވެއެވެ،" ސިޓީގައި ވެއެވެ.

ސަލީމްގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ސާބެއަކީ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ޅިޔަނަކަށް ވުމާއި އެކު އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސްކަމުގެ މަގާމުގައި ހުންނަވައި ވޯޓް އޮޅުވާލާފައިވާތީ އެނާ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާދިނުމާއި ހިޔާނަތްތެރިވެފައިވާތީ އެ މައްސަލަ އޭސީސީން ތަހުގީގްކުރުމަށްފަހު ޝަރީއަތަށް ފޮނުވައި ދިނުމަށެވެ.

ސާބެއަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުންނެވެ.