13 Jan 2020, 12:59
މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުވާ މީހާގެ ފޯނު ފުލުހުން އަތުލައިފި އެވެ.
ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގެ ފިހާރައެއްގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން އެ މީހާގެ ފޯނާއި އިތުރު ހެކި އަތުލާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ކުއްޖާއަށް ގަދަމުން ޖިންސީ ގޯނާ ކުރީ ފިހާރަ ބަންދު ކުރާ ވަގުތު ކޮމްޕިއުޓަރަށް މުދަލުގެ މައުލޫމާތު އެންޓާ ކުރަން ކަމަށް ބުނެ އެ ކުއްޖާ ފިހާރައަށް ގެންގޮސް އެ ފިހާރައިގައި ހުންނަ ބިދޭސީ މީހާ އެތަނުން ފޮނުވާލުމަށް ފަހު އެވެ. އަދި އެކަން ކުރީ އެ ފިހާރައިގައި ހުންނަ ސެކިއުރިޓީ ކެމެރާތައް ނިއްވާލާފައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފާނެތީ، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހާ އެ ކުއްޖާގެ އާއިލާގެ މީހުންނަށް ބިރު ދެއްކި ކަމަށާއި، އަދި ކުއްޖާގެ ބޮލުގައި ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތު އެޅުވިކަމަށްވެސްވެ އެވެ.
ޖެންޑާ މިނިސްޓްރީއިންވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާ މިހާރު ހުރީ ރައްކާތެރި ތަނެއްގައި ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.