ދެވަނަ ފަހަރަށް އިސްލާމިކް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޑރ. އަބުދުލް މަޖީރު އަބުދުލް ބާރީއަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި މަޖިލީހުގެ ރައީސަށް ފޮނުވާފައިވާތާ ދެމަހާ ކައިރިވީއިރު ވެސް މައްސަލަ އެޖެންޑާކޮށްފައިނުވާތީ މަޖިލީހުގެ ބައެއް މެންބަރުން ޝާހިދާ ސުވާލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ސުވާލު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

ނިޒާމީ މައްސަލަ ނަންގަވައި، ރިޔާޒު ވިދާޅުވީ ޖަލްސާގެ އެޖެންޑާ ހަމަޖައްސަވަނީ މަޖިލީހުގެ ރައީސްކަމަށް ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން އިސްލާމިލް މިނސްޓަރަށް ރުހުން އޮތްތޯ ބެލުމަށް ފޮނުވާފައި މައްސަލަ ޖަލްސާއަށް އެޖެންޑާ ކުރައްވާފައި ނުވަނީ ކީއްވެގެންތޯ ސާފު ކުރަން ބޭނުންފުޅުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާ ކަނޑައަޅާނީ މަޖިލީހުގެ ރައީސްކަމަށް ގަވާއިދުގައި ބުނެފައިވާތީ، މަޖިލީހުގެ ރައީސް ޖަލްސާގެ އެޖެންޑާ ކަނޑައަޅާ ގޮތަކަށް ޖަލްސާ ކުރިއަށް ގެންދަވާނެ ކަމަށެވެ.

ނިޒާމީ މައްސަލަ ނަންގަވައިގެން ދެވަނަ ފަހަރަށް ޝާޙިދާ އެ ސުވާލު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ވަޒީރުކަމުގައި ހުންނަވާ ބޭފުޅަކު އެހާ ގިނަ ދުވަހު މަޖިލީހުގެ ރުހުން ނުލިބި ހުންނެވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން ކޮމިޓީން ނިންމިތާ ދެމަހެއްހާ ދުވަސް ވެފައިވާ މައްސަލަ އެޖެންޑާ ނުކުރައްވަނީ ކީއްވެތޯ އަލީ އާރިފް ވެސް ސުވާލު ކުރެއްވި އެވެ.

އޭނާއަށް ޖަވާބު ދެއްވަމުން ޝާޙިދު ވިދާޅުވީ ހުރިހާ މެންބަރުންނަށް މަޖިލީހަށް ވަޑައިގެންނެވޭ ފުރުސަތެއްގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.

"އެޖެންޑާ ކުރާނަން ހުރިހާ މެންބަރުންނަށް އެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވޭފަދަ ނޯޓިސްއަކާއެކު އެކަން ކުރާނީ. ހުރިހާ މެންބަރުންނަށް ލިއުމަކުން އެކަން ދަންނަވާނަން. ދުރާލާ ވަކި ތާރީހެއް، ކުރިހާ މެންބަރުން ވެސް ތައްޔާރުވެވަޑައިގެން، ވަޑައިގެންނެވޭފަދަ ފުރުސަތު އަރުވައިފަ. މި ދައުރުގައި އެޖެންޑާ ކުރާނެ ވާހަކަ ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން، ޑރ. މަޖީދުގެ ނަން ދިރާސާ ކުރުމަށްފަހު މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާ ރިޕޯޓްގައި ބުނެފައިވަނީ ޑރ. މަޖީދަށް ރުހުން ދިނުމަށް ކޮމިޓީއަށް ނުފެންނަ ކަމަށެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ދެވަނަ ފަހަރަށް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ތިން ވަނަ ފަހަރަށް ޑރ. މަޖީދު މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަންނަވާފައިވަނީ އެ މަހުގެ ނުވަވަނަ ދުވަހު އެވެ.

އެމްޑީޕީގެ ކޯލީޝަނުން އަދާލަތު ޕާޓީ ވަކި ވުމާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު އަލުން މިނިސްޓަރުކަމާ ހަވާޅުވެ ވަޑައިގެންނެވުމުން ޑރ. ބާރީގެ އިހްލާސްތެރިކަމާމެދު އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެހެންކަމުން ޑރ. ބާރީއަށް މަޖލީހުގައި ރުހުން ނުދޭނެ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.