ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުކުރި ނަމަވެސް، އައްޑޫ ސިޓީގައި ހުންނަ ސްކޫލަކަށް ކުދިން ވައްދާފައި ހުރި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ތުހުމަތު ކުރައްވައިފި އެވެ.

ރާއްޖެއިން ހިމަބިހި ޖެހިފައިވާ ކުޑަ ކުއްޖަކު ފެނުނު މައްސަލައާ ގުޅިގެން، މި ދުވަސްވަރު ސްކޫލުތަކަށް ކުދިން ގެންދިއުން އެންމެ ރަނގަޅުތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުދިން ސުކޫލަށް ވައްދަނީ ވެކްސިން ޖަހާ ހަމަކޮށްފައި ކަމަށާއި ވެކްސިން ޖަހާފައި ތިބި ކުދިންނަށް އެކަމުގެ ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެކުދީންގެ ސަބަބުން އެހެން މީހުންނަކަށްވެސް ނުރައްކަލެއް ނެތް ކަމަށް ޑރ. ފައިސަލް ވިދާޅުވެ އެވެ. ނަަމަވެސް މައްސަލައަކީ، ވެކްސިން ނުޖަހާ ކުދިން ސްކޫލްތަކަށް ވައްދަމުން ދިއުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މީގެ މައްސަލަޔަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ.
އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ޓުވީޓަށް ޖަވާބުދެއްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވުމީ އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

"އެހެންކަމުން ޑޮކްޓަރަށް އެނގިވަޑައިގެންފައިވާ މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާކުރެއްވޭނަމަ އެކަން ކޮށްދެއްވާ. އޭރުން އަޅުގަނޑުމެންނަށް އެކަމަށް އަވަސް ފިޔަވަޅު އެޅޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައަށް ރައްދު ދެއްވައި ޑރ. ފައިސަލް ވިދާޅުވީ އެއީ ކޮން ސްކޫލެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށާއި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ކަންކަމާ ހަވާލުވެތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ.

ޑރ. ފައިސަލް އަށް އެ މައުލޫމާތު ދެއްވީ ވެސް މިދިޔަ އަހަރު އެކަމާ ގުޅިގެން އައްޑޫ ސިޓީއަށް ދަތުރުކުރި ޓީމަކާއެކު ދިއުމުން އެ ޓީމުން ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް ހޯދަން "ސަން" އިން ގުޅުމުން ބައެއް އޮފިޝަލުން ވިދާޅުވީ، މިއީ އެބޭފުޅުންނަށް ވެސް އެނގިފައި ނުވާ ކަމެއް ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެކަން މިނިސްޓްރީއިން ބަލާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޑރ. ފައިސަލް ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ސުކޫލްތަކަށް ވައްދާފައި ތިބި ކުދިންގެ ވެކްސިން ކާޑުތައް ބަލަން ޖެހޭ ކަމަށެވެ. އަދި ކިތަންމެ ޅަ އުމުރެއްގައި ސުކޫލަށް ވެއްދިޔަސް އެ އުމުރަކަށް ޖަހަންޖެހޭ ވެކްސިންތައް ހަމަކޮށްފައި ހުރިތޯ ބެލުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް ގަވާއިދެއް ކަނޑައެޅުން ވެސް މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިމައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ އިތުރު ޑޮކްޓަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ނުޖަހާ ސުކޫލައް ވެއްދުމަކީ އާންމުންނަށް ހުރި ނުރައްކަލެއް ކަމަށެވެ. އަދި ވެކްސިން ޖެހުމާ ދެކޮޅަށް މަސައްކަތް ކުރުމަކީރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޑޮކްޓަރު ސިފަކުރެއްވި އެވެ.

އެކަން ބަލާ، އެކަން ހުއްޓުވުމަކީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށް އެ ޑޮކްޓަރު ވިދާޅުވި އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރުން ފެށިގެން، ރާއްޖޭގެ ސްކޫލް، މަދަރުސާތަކުގެ ގްރޭޑް އެކަކަށް ވަންނަ ކުދިން ތިން ބާވަތެއްގެ ވެކްސިން އެއް ފުރިހަމަ ކުރަންޖެހެ އެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން 2007 ވަނަ އަހަރު ރާއްޖޭގެ ވެކްސިން ޝެޑިއުލްއަށް ގެނައި ބަދަލުތަކާއެކު ކުރިން ރާއްޖޭގައި ދެމުން ދިޔަ ވެކްސިންތަކުގެ އިތުރުން ތިން ބާވަތެއްގެ ވެކްސިން ވަނީ ތައާރަފް ކޮށްފަ އެވެ.

އެއާއެކު 2008 ވަނަ އަހަރުން ފެށިގެން ސްކޫލް، މަދަރުސާތަކުގެ ގްރޭޑް އެކަކަށް ވަންނަ ކުދިން ހަ ބާވަތެއްގެ ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ. އެ ވެކްސިންތަކަކީ:

1. ބީސީޖީ ވެކްސިންގެ 1 ޑޯޒް

2. ޑީޕީޓީ ވެކްސިންގެ 3 ޑޯޒް

3. ޕޯލިޔޯ ވެކްސިންގެ 4 ޑޯޒް

4. ހެޕަޓައިޓިސް ބީ ވެކްސިންގެ 3 ޑޯޒް

5. މީސަލްސް ވެކްސިންގެ 1 ޑޯޒް

6. އެމްއެމްއާރު ވެކްސިންގެ 1 ޑޯޒް