ކެޓަޕިލާ ފައިނޭންޝަލް އޭޝިޔާ އަށް 2.9 މިލިއަން ރުފިޔާ ދެއްކުމަށް ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އެފައިސާ މިއަދު ދައްކައިފިއެވެ.

އެ ފައިސާ ދައްކަން މޫސަގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މޫސަ ގެރެންޓީ ދީގެން ހެވީލޯޑް މޯލްޑިވްސްގެ ފަރާތުން ކެޓަޕިލާއިން ނަގާފައިވާ 700،000 ޑޮލަރު ގެ ލޯނަށް ފައިސާ ދައްކާފައި ނުވާތީ އެވެ.

އެ ފައިސާ ދެއްކެވުމަށް ފަހު މޫސަ ވަނީ ސިވިލް ކޯޓުން ފައިސާ ބަލައިގަތް ސްލިޕް ނޫސްވެރިންނަށް ދައްކައި އިންޓަވިއުއެއްވެސް ދެއްވާފަ އެވެ.

މޫސަ ވިދާޅުވީ އެ ފައިސާ ދެއްކުމަށްޓަކައި އޭނަގެ އޮފީސް މުވައްޒަފަކު މިއަދު މެންދުރު ކޯޓަށް ފޮނުވުމުން ފައިސާ ބަލައިގަންނަ ގަޑި ހަމަވެއްޖެކަމަށް ބުނެ ކޯޓުން އެ ފައިސާ ބަލައިގެންފައި ނުވާތީ އަމިއްލަފުޅަށް ގޮސް އެފައިސާ ދެއްކެވީ ކަމަށެވެ.

"63147 ޑޮލަރު ދެއްކުމަށް އަޅުގަނޑު މިއަދު ފޮނުވީ އޮފީސް މުވައްޒަފަކު ފޮނުވީމަ ފައިސާ ބަލައިގަންނަ ގަޑި ހަމަވެއްޖެކަމަށް ބުނެ ކޯޓުން ފައިސާ ބަލައި ނުގަތް. ދެން އަޅުގަނޑު އަމިއްލަޔަށް ދިޔައީ ބެންކް ގެރެންޓީ ދީފައިވާ ޑޮލަރުގެ ޗެކެއް ހިފައިގެން. ދިޔައީމަ ކޯޓުން މި ބުނަނީ މިހާރު އުސޫލު ހަމަޖެހިފައި އޮންނަނީ ބާރައިން އަށަކަށޭ،" މޫސާ މަނިކު ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެ ފައިސާ ކޯޓުން ބަލައިގެންފައި ވަނީ އޭނާ ކޯޓަށް ވަޑައިގެން އެތައް ފަހަރެއްގެ މަތިން ކޯޓުގައި އާދޭސްކުރުމުން ކަމަށެވެ.

މޫސަ ވިދާޅުވީ އެ ހުކުމަކީ އޭނާގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމެއް ކަމަށާއި އެފައިސާ މިއަދު ދެއްކެވީ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކާނަމަ މަޖިލީހުގެ ގޮނޑިގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާތީ ކަމަށެވެ.

އެ ފައިސާ ނުދައްކާ ހުކުމް އިސްތިއުނާފް ނުކުރެއްވީ ކީއްވެގެން ތޯ ދެންނެވުމުން މޫސަ ވިދާޅުވީ ހައިކޯޓުން އޭނަޔާއި އެއްކޮޅަށް ހުކުމް ނުކުރައްވާނެކަން އޭނަޔަށް ޔަގީންވާ ކަމަށެވެ. ހައިކޯޓަށް އެ މައްސަލަ ވައްދައިފިނަމަ އިސްމާއިލް އަބްދުލް ހަމީދު އަށް ހުކުމް ކުރިގޮތަށް އޭނަގެ ގޮނޑި ގެއްލޭ ފަދަ ގޮތަކަށް ހުކުމްކޮށްފާނެކަމަށް ވެސް ވިދާޅުވި އެވެ އަދި ވިދާޅުވީ ހައިކޯޓަށް ވަޑައިގަންނަވަން އޭނާ ބިރުގަންނަ ކަމަށެވެ.

ޖުޑީޝަރީ ހަލާކު ކޮށްލަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތުކަމަށް އޭނާއަށް ތުހުމަތު ކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭނާގެ މައްޗަށް ހުކުމް ކުރެއްވި އިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް ހުކުމް ކޮށްފައި ނުވާކަމަށާއި އެކާއިމެދު ސުވާލު އުފެދޭ ކަންތައްތަކެއް ވާކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ނިހަޔަތާއި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް އާއި ދެމީހުންގެ މެދުގައި ގުޅުންތަކެއް އޮންނަކަމަށް ތުހުމަތު ކުރެވޭކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ ގާޒީ ނިހާޔަތުގެ މައްސަލަތަކެއް ފުލުސް އޮފީހަށް ހުށަހެޅިފައިވާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.
މޫސަގެ ވާހަކަތަކާ ބެހޭގޮތުން ސިވިލް ކޯޓުގެ ބަހެއް ހޯދުމަށް ގުޅާލުމުން ކޯޓުން ފޯނަށް ޖަވާބު ނުދޭތީ ސިވިލް ކޯޓުގެ ބަހެއް ވަނީ ލިބޭގޮތެއް ނުވެފައެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Reeko Moosa Manik (mp3)