21 Jun 2010, 15:01
19:00
ގޭތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އާއި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކުން އެމީހުން ހިމާޔަތްކުރުމަށްޓަކައި ޤާނޫނުތައް ތަންފީޒުކޮށް އެއަށް އަމަލު ކުރުމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ މަޖިލީހުން ގޮވައިލައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މަޖިލީހުން މިކަމަށް ގޮވާލައިފައި ވަނީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރކޮށް އެކުލަވާލައްވާފައިވާ ޤަރާރެއްގައި ކަމަށާއި މި ޤަރާރުގައި އަންހެނުންނާ ދެކޮޅަށް ހިންގޭ މިފަދަ އަނިޔާތަކަކީ ޤާނޫނުގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ އަންހެނުންނަށް އެކަމަށް ރަނގަޅު ހައްލެއް ހޯދާދެވޭނެ ގޮތްތަކެއް ކަނޑައެޅިފައި އޮތުމުގެ އިތުރުން އެކަމުގެ ބަދަލު ލިބިދިނުމަށް ވެސް އެ ގަރާރުގައި ބާރުއަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ބޭއްވި، އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ބެހޭ ބަހުސްގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު އިރުތިޝާމު އާދަމް ވިދާޅުވީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ޤާނޫނުތައް ހަރުދަނާ ކުރުމާއި މިކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން ހިމެނޭ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކުރި "އެލިމިނޭޓިން އޯލް ފޯމްސް އޮފް ވަޔަލަންސް އެގެއިންސްޓް ވިމަން" މިޤަރާރު ފާސް ވެފައިވަނީ ކައުންސިލްގެ އިންތިފާގުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.