މެދުރާއްޖެގެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީއިން ބަލަން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއް ކަމަށްވާ އިބްރާހިމް މުހައްމަދު "ސަން"އަށް ވިދާޅުވީ، މެދުރާއްޖެެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މައްސަލައެއް އެ މިނިސްޓްރީއިން ބަލަމުންދާ ކަމަށެވެ.

"އެ ކުއްޖާ މިވަގުތު ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށް ދަންނަވާލަން ބޭނުން،" ޖެންޑާ އިބްރާހިމް ވިދާޅުވިއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ކުއްޖާއަށް ގަދަމުން ޖިންސީ ގޯނާ ކުރީ ފިހާރައެއްގެ ތެރޭގައެވެ. ފިހާރަ ބަންދު ކުރާ ވަގުތު ކޮމްޕިއުޓަރަށް މުދަލުގެ މައުލޫމާތު އެންޓާ ކުރަން ކަމަށް ބުނެ އެ ކުއްޖާ ފިހާރައަށް ގެންގޮސް އެ ފިހާރައިގައި ހުންނަ ބިދޭސީ މީހާ އެތަނުން ފޮނުވާލުމަށް ފަހު ޖިންސީ ގޯނާ ކުރީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެކަން ކުރީ އެ ފިހާރައިގައި ހުންނަ ސެކިއުރިޓީ ކެމެރާތައް ނިއްވާލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފާނެތީ، އެ މީހާ އެ ކުއްޖާގެ އާއިލާގެ މީހުންނަށް ބިރު ދެއްކި ކަމަށާއި، އަދި ކުއްޖާގެ ބޮލުގައި ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތު އެޅުވިކަމަށްވެސްވެއެވެ.

އެކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.