13 Jan 2020, 08:46
ބޮލީވުޑްގެ މަގްބޫލު ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން މެދުކަނޑާލުމަށް ފަހު އެނބުރި މުމްބާއީ އަށް އައިސްފިއެވެ.
ޖާޒީގެ ޝޫޓިން ކުރިއަށް ދަނިކޮށް ޝާހިދުގެ އަނގަމައްޗަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. ކްރިކެޓް ބޯޅައަކުން ޖެހި އަނގަމަތި ފަޅައިގެން ދިޔައިރު ފަޅައިގެން ދިޔަ ތަން ފުން ކަމުން ޑޮކްޓަރުން ވަނީ އޭނާގެ އަނގަމަތި 13 ފަހަރަށް ފަހަންޖެހިފަ އެވެ.
ޝާހިދަށް އަނިޔާވުމާ އެކު އޭނާގެ އަނބިމީހާ މީރާ ރާޖުޕުތް ވެސް ޗަންދީގަރަށް ދިޔަ އެވެ. ނަމަވެސް މިހާރު އެދެމަފިރިން ވެސް މުމްބާއީ އަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ޝާހިދުގެ އަނގަމަތި ނުފެންނާނެހެން ފޮތިގަނޑެއް އަޅާފައިވާ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑީއާގައި އަންނަނީ ސަމާލުކަން ހޯދަމުންނެވެ. ޝާހިދު ކުރި ޓްވީޓެއްގައި ބުނީ އޭނާ މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި ޖާޒީ ފަދަ ވަރުގަދަ ފިލްމެއްގެ މަސައްކަތް ކުރަމުން ދަނިކޮށް މިހެންވި ނަމަވެސް އޭނާއަށް އެކަން ތަހައްމަލް ކުރެވޭނެ ކަމަށެވެ.
ޝާހިދު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މުރްނާލް ތާކޫރް އެވެ. ފިލްމު ޑައިރެކްޓްކުރާނީ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް އެވެ.
ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. އެ ފިލްމަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.