12 Jan 2020, 22:45
ލަންޑަން (12 ޖަނަވަރީ 2020): ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ކުޑަކުރަން ނިންމާފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލާސް ވިދާޅުވީ ދިފާއީ ކަންކަމުގައި އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމުގެ ވަގުތު ޖެހިއްޖެކަން އިނގިރޭސިވިލާތަށް ވިސްނިގެން އެކަން އެގޮތަށް ކުރަން ނިންމާފައިވާ ކަމަށާ އެކަމަށްޓަކައި ހަތިޔާރާއި އެނޫންވެސް ދިފާއީ ތަކެތި މިހާތަށްވުރެ ގިނައިން އަމިއްލައަށް އުފައްދައި ހަތިޔާރުގެ ސިޔާއަތު ވަރުގަދަކުރުމަށް އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމުގައެވެ.
ލަންޑަންގައި ނުކުންނަ ނޫހެއްކަމަށްވާ ސަންޑޭ ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ބެން ވެލާސް ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަކީ އެމެރިކާ ކަމަށްވީނަމަވެސް އެމެރިކާ މިހާރު އޮތީ 1900 ގެ ފަހުގެ އަހަރުތަކާއި 2000 ގެ އަހަރުތައް ފެށުނުއިރު އޮތް ނުފޫޒުގަދަ ހާލަތުގައި ނޫންކަމަށާ ދުނިޔޭގައިޥާ އެމެރިކާގެ ބާރާއި ނުފޫޒު ފާއިތުވި ފަނަރަ ވަރަކަށް އަހަރު ތެޜޭގައި ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ކަމުގައެވެ.
އިނގިރޭސި ވަޒީރަކު އެމެރިކާއަށް މިޙާތަނަށް ފާޑުވިދާޅުނުޥާ މިންވަރަށް ފާޑުވިދާޅުވަމުން ބެން ވެލާސް ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި ކުރިން އޮތް އެމެރިކާގެ ސޮފްޓް ބާރު (އެމެރިކާގެ ނުފޫޒާއި ގައުމުތަކުން އެމެރިކާއަށް ކުޜާ އިހްތިރާމް) ގެ ބޮޑުބައެއް މިހާރު ގެއްލިފައިވާކަމަށް ސަރީހަ އިބާރާތުން ވިދާޅުވެފައެވެ.
މިއާއެކު ކުރިޔަށްވުރެ ބަލިކަށި ގޮތެއްގައި ނަމަވެސް ދުނިޔޭގެ އިސް ބޮޑު ބާރުގެ ހައޘިއްޔަތުން ދުނިޔޭގެ ޒައާމަތު އަދިވެސް ބަލަހައްޓަނީ އެމެރިކާ ކަމަށާ ދުނިޔޭގެ ޒައާމަތު އެމެރިކާ ލީޑު ކުރަންޖެހޭ ކަމަށް އިނގިރޭސިވިލާތް ދެކޭ ކަމަށްވެސް ބެން ވެލާސް ވިދާޅުވިއެވެ. ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ ދުނިޔޭގައި އެކަހެރިވުމާއި އެމެރިކާގެ ސްފްޓް ބާރުތައް މަޑުމަޑުން ގެއްލެމުންދާތީ އާއި އިތުރު ބޮޑެތި ބާރުތައް ދުނިޔޭގެ އުދަރެހުން ފާޅުވާން ފަށާފައިވާތީ މުސްތަގްބަލްގައި ދުނިޔޭގެ ލީޑް ރޯލު އަދާކުރުމުގައި އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.
ބެން ވެލާސް އިތުރަށް ވިދާޅުވީ އިނގިރޭސިވިލާތަކީ ހުރިހާ ކަމެއްގައި އެމެރިކާ ބުނާގޮތް ހަދާގައުމެއްގެ ގޮތުގައި ލޭބަލްވެފައިވިޔަސް އެއީ މުޅިން ހަގީގަތެއްނޫންކަމާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ ސިޔާސަތުގައި ބޮޑެތި ތަފާތުތަކެއް އެބަހުރިކަމުގައެވެ. މިގޮތުން އެތަށް ކަމެއްގައި އެމެރިކާ އެދޭގޮތަށް އިނގިރޭސިވިލާތް ދީލާލާފައިނުޥާނެކަމަށާ އިނގިރޭސިވިލާތުން އެގައުމުގެ އަމިއްލަ ގޮތްތަކާއި މިނިވަން މުސްތަގިއްލު ސިޔާސަތުތަކެއް އަބަދުވެސް ގެންގުޅޭކަމަށް ބެން ވެލާސް ވިދާޅުވިއެވެ.
ކުރިން ދުނިޔޭގެ އެންމެ ބޮޑު އެއްބާރުކަމަށްވާ އިނގިރޭސިވިލާތުގެ ތަރި އޮއްސިގެން ދިޔައީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހުޅަނގުގެ މައި ބާރެއްގެ ގޮތުގައި އެމެރިކާ ފާޅުވުމާ ގުޅިގެންނެވެ. މިހާރު އިނގިރޭސިވިލާތަކީ އަސްކަރީގޮތުން ހަތްވަނާގައި އަދި އިގްތިސާދީ ގޮތުން އައްވަނާގައި އޮތް ގައުމެކެވެ. އަންނަ އަހަރު ނިމޭއިރު ދެކުނު ކޮރެއާއާއި ބްރަޒީލް އިގްތިސާދީގޮތުން އިނގިރޭސިވިލާތުގެ މައްޗަށް ކުރި ހޯދައި އިނގިރޭސި އިގްތިސާދު ދުނިޔޭގެ ނުވައެއް ނުވަތަ ދިހަ ވަނައަށް ދަށަށްދާނެ ކަމަށް އިގްތިސާދީ އަންދާޒާތައް ބުނެއެވެ.
ދިފާއީ ގޮތުން އިނގިރޭސިވިލާތުން އެމެރިކާއަށް އެންމެ ބޮޑަށް ބަރޯސާވާ ދާއިރާތަކުގެ ތެރޭގައި އަސްކަރީ ޖާސޫސީ ކަންތައްތަކާއި ވައިގެ ދިފާއާއި ސަވައިލެންސް ފަދަ ދާއިރާތައް ހިމެނެއެވެ. ޗައިނާ، ރަޝިޔާ، ޖަރުމަނު، ތުރުކީ، އިންޑިއާ ޕާކިސްތާން އަދި އީރާންފަދަ ގައުމުތަކުން ހަތިޔާރުގެ ސިނާއަތު ވަރަށް ބޮޑަށް ތަރައްގީ ކުރަންފަށާފައިވާއިރު އިނގިރޭސިވިލާތުގެ އަސްކަރީ ސިނާއަތުވަނީ ފާއިތުވި ސާޅީހަކަށް އަހަރުތެރޭގައި ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.