ދިމިޝްޤު (ނޮވެމްބަރ 30) : ލީބިޔާގެ މިހާރު ޤާއިމްކޮށްފައިވާ ޤައުމީ އިންތިޤާލީ މަޖިލީހުގެ ވެރިކަމަކީ ޣައިރު ޤާނޫނީ ވެރިކަމެއް ކަމަށް ވިދާޅުވެ ލީބިޔާގެ މިހާރުގެ ވެރިކަން ވައްޓާލުމަށް އެ ޤައުމުގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީގެ އަންހެން ދަރިކަނބަލުން ޑރ. ޢާއިޝާ ޤައްޒާފީ، ގޮވާލައްވައިފި އެވެ.

ސޫރިޔާގެ އައްރައްޔު ޓީވީން އިއްޔެ ދުރަށްފޮނުވި އޯޑިޔޯ ޓޭޕެއްގައި ލީބިޔާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޑރ. ޢާއިޝާ ވިދާޅުވީ އޭނާގެ ބައްޕަ މުޢައްމަރުލް ޤައްޒާފީ އަވަހާރަކޮށްލާފައި ވަނީ ޣަދަރުވެރި ގޮތެއްގައި ކަމަށާއި ބައްޕައަކީ ޝަހީދެއް ކަމަށެވެ. "ބައްޕަ ޝަހީދުވީ ސަލީބީ ބާރުތަކާ އަދި ސަލީބީންނާ ގުޅިގެން ހަނގުރާމަކުރަމުންދިޔަ ޚާއިނުންނާ ދެކޮޅަށް ޖިހާދު ކުރައްވަމުން ގެންދަވަނިކޮށް" ޑރ. ޢާއިޝާ ވިދާޅުވިއެވެ. ބައްޕަ މުޢައްމަރުލްޤައްޒާފީ އަވަހާރަކޮށްލިނަމަވެސްލީބިޔާގައި މިހާރުވެރިކަންކުރާ "ޚާއިނުން" ގެ ކިބައިން ލީބިޔާ މިނިވަންކުރުމަށްޓަކައި "ޖިހާދު" ކުރުމަށް ބައްޕަ ގޮވާލައްވާފައިވާ ގޮވާލެއްވުންތައް ދިރިހުރިކަމަށާ އެގޮވާލުންތަކަށް ލީބިޔާގެ ރައްޔިތުން އިޖާބަދޭނެކަމަށް ޑރ. ޢާއިޝާ ވިދާޅުވިއެވެ.

ގައްޒާފީގެ އަނިޔާވެރި ވެރިކަން ވައްޓާލި ލީބިޔާގެ ހަނގުރާމަވެރިންނަކީ ނޭޓޯގެ ބޮންއަޅާބޯޓުތަކުގައި ލީބިޔާގެ ވެރިކަމަށް އައިސްތިބި ބައެއް ކަމަށް ޢާއިޝާ ސިފަކުރެއްވިއެވެ. ލީބިޔާގައި ޤާއިމްކޮށްފައިވާ ވެރިކަމަކީ ނޭޓޯގެ ބާރުގައި ޤާއިމްކޮށްފައިވާ ވެރިކަމެއް ކަމަށް ވިދާޅުވެ އެވެރިކަން ވައްޓާލައި ހުޅަނގުގެ ނުފޫޒުން ލީބިޔާ މިނިވަންކުރުމުގެ "ޖިހާދު" ކުރިޔަށް ގެންދިޔުމަށް ލީބިޔާގެ ރައްޔިތުންނަށް ޢާއިޝާ ގޮވާލެއްވިއެވެ.

ގައްޒާފީއަކީ އޭނާގެ ވެރިކަމުގެ ކުރީކޮޅު ލީބިޔާއަށާއި ޢަރަބި އިސްލާމީ ދުނިޔެއަށް ރަނގަނޅު ކަންތައްތަކެއް ކޮށްދެއްވާފައިވާ ޝަޚްސިއްޔަތެއް ކަމަށާނަމަވެސް ގައްޒާފީގެ ވެރިކަމުގެ ފަހުކޮޅުގައި އޭނާ ކުރިންގެންގުޅުއްވި ސިޔާސަތުތައް މުޅިން ބަދަލުކުރައްވައި ހުޅަނގާ ގުޅިވަޑައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވެރިކަން ދެމެހެއްޓެވުމަށްޓަކައި ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރައްވައި ހަރުކަށިކަން ކުރިޔަށް ނެރުއްވައި އެތަށް ހާސްބަޔަކަށް އަނިޔާކޮށް މެރުމުގެ ތުހުމަތު ގައްޒާފީގެ މައްޗަށް ކުރެވިފައިވެއެވެ.

ގައްޒާފީގެ ވެރިކަން ބަދަލުކުރުމަށް ލީބިޔާގެ ރައްޔިތުން ކުރި ހަނގުރާމައިގާ އިސްދައުރެއް އަދާކުރި ފަރާތްތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިސްލާމީ ޚިޔާލުގެ މީހުންނާއި ޢިލްމާނީ ޚިޔާލުގެ ލެބެރަލް މީހުންވެސް ހިމެނެއެވެ. ގައްޒާފީއާ ދެކޮޅަށް ލީބިޔާގެ ރައްޔިތުން އުތުރިއެރުމާ ގުޅިގެން ފެށުނު އަހްލީ ހަނގުރާމައެއްގައި ގައްޒާފީގެ ވެރިކަން ވެއްޓުމުން ޢާއިޝާއާއި އޭނާގެ ދެ ބޭބެއިންނާއި މަންމައާއި އެތިންބެއިންގެ ޢާއިލާތައް ފިއްލަވައިގެން ވަޑައިގެންނެވީ އަލްޖަޒާއިރަށެވެ.

އެބޭފުޅުން މިހާރު ދިރިއުޅުއްވަނީ އަލްޖަޒާއިރު ސަރުކާރުގެ ޙިމާޔަތުގައެވެ. އަލްޖަޒާއިރުންވަނީ ސިޔާސީ ބަޔާންތައް ދިނުމާއި ސިޔާސީ ޙަރަކާތްތައް ހިންގުން ޢާއިޝާއާއި އޭނާގެ ޢާއިލާއަށް މަނާކޮށްފައެވެ. ޢާއިޝާގެ މިބަޔާނާގުޅިގެން އަލްޖަޒާއިރުގެ ސަރުކާރުން ޢާއިޝާ އާމެދު ފިޔަވަޅެއް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުރާސިލުން ދެކެއެވެ.
ޢުމުރުން 33 އަހަރުގެ ޢާއިޝާއަކީ ފަރަންސޭސިވިލާތުގެ ސަރބޮން ޔުނިވަރސިޓީން ޤާނޫނީ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ ޙާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. (އަލްޖަޒީރާ)