ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ބޮޑު ވަފުދެއް މިއަދު ހަވީރު މާލެ އިން ބޮޑު ތިލަދުންމައްޗަށް ފުރާފައިވާއިރު، ޕާޓީގެ ހަރަކާތްތަކުގައި ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 300 މެންބަރުންނާ އެކު އެ ޕާޓީގެ ލީޑާޝިޕުން މިއަދު ބޮޑު ތިލަދުންމައްޗަށް ފުރާވަޑައިގަތުމުގެ ކުރިން އެމްއެމްއޭ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ދަތުރުތަކުގައި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި އެއީ އެ ޕާޓީން އެއްވެސް އިރެއްގައި ކޮށް އުޅުނު ކަމެއް ނޫން ކަމަށެވެ.

"ސަރުކާރުގެ އެއްވެސް ވަސީލަތެއް އެއްވެސް އެއްޗެއް ބޭނުމެއް ވެސް ނުކުރެވޭނެ. އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން އެއަކީ އެއް،" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ފުރުމުގެ ކުރިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުއާ އެކު ބައެއް މެންބަރުން ބޯޓުގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން އެފަދަ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ، އެ ފަރާތްތަކުން ވެރިކަމުގައި ޕާޓީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރެވިފައި ހުރިވަރު ބޮޑު ކަމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އުތުރު މަހާސިންތާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖައްސާފައިވާއިރު އެ ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ، ލާމަރުކަޒީ ގާނޫނުން ލިބިދީފައިވާ ބޮޑެތި ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ބޮޑު ތިލަދުންމައްޗަށް ފުރުމުގެ ކުރިން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ހަމަ އެއާއި އެކީގައި ފައިސާގެ އަދަދުވެސް އިންތިހާއަށް އިތުރުވެއްޖެ ކައުންސިލްތަކުގެ ބަޖެޓުގައި. އެހެންވީމަ މި ބަޖެޓާއި ލިބުނު އިތުރު ގާނޫނީ އިހްތިޔާރާއި ބާރާއި އެކުގައި ކައުންސިލްތަކަށް ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ މަޝްރޫއުތަކެއް ކައުންސިލްޔަކުން ހިންގުމަށް ބާރު އެޅުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްޑީޕީން ވަނީ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން 'ދެކުނު މަހާސިންތާ'ގެ ނަމުގައި ހަރަކާތެއް ބާއްވާފަ އެވެ. ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެ މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކައުންސިލްތަކާއެކުގައި ގއ. ވިލިނގިލީގަ އެވެ.