30 Nov 2011, 15:43
މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއާ 190 ވަރަކަށް މޭލު ދުރުން އަޑިއަށް ދިޔަ އިންޑިޔާގެ ބޯޓުން ގިނަ އަދަދެއްގެ ބަކަރި ކަނޑުވެފައިވާ ކަމަށާއި އެފަދަ ބަކަރިތައް ރާއްޖޭގެ ސަރަހައްދުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ނޯޓިހެއް ނެރެފި އެވެ.
މި ނޯޓިސް ނެރެފައި ވަނީ އޭގެ ސަބަބުން ރާއްޖޭގައި ބަލިމަޑު ކަމެއް ފަތުރުނު ނުދިނުމަށްޓަކައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މިއަދު ބުނީ އަޑިއަށް ދިޔަ ބޯޓުން ދަތުރުކުރި މީހުން ސަލާމަތް ކުރެވިފައިވިޔަސް އެ ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދަލާއި ބަކަރިތައް ކަނޑުވެފައި ކަމަށެވެ. ކަނޑުވެފައި ވަނީ ކިތައް ބަކަރި ކަމެއް ބުނެފައެއް ނުވެއެވެ.
މޭވާ އާއި ތަރުކާރީ ބަރުކޮށްގެން މާލެއަށް ދަތުރު ކުރި ބޯޓު އަޑިއަށް ދިޔައިރު ކަނޑުވި ބަކަރިތަކަށް ސަމާލުވުމަށް އެދި މިނިސްޓްރީ ނެރުނު ނޯޓިހުގައި ބުނީ ކަނޑުވި ބަކަރިތަކުގެ ތެރެއިން ބަކަރިއެއް ފެނިއްޖެ ނަމަ ވަގުތުން ކޯސްޓްގާޑަށް އެންގުމަށެވެ. އެއިން ބަކަރިއެއް ރަށެއްގެ ގޮނޑު ދޮށަށް ލައްވެފައި އޮއްވާ ފެނިއްޖެ ނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓް ކުރުމަށެވެ. އެއިން ބަކަރިއެއްގައި އަތް ނުލުމަށް ވެސް އެދިފައި ވެއެވެ.
އަޑިއަށް ގޮސްފައިވާ ބޯޓަކީ އިންޑިޔާގެ ޓްޓިކޮރިން އިން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުން ދިޔަ އިންޑިޔާގެ ލަކުޑި ބޯޓެކެވެ. އެ ބޯޓު މާލެއަށް ދަތުރުކޮށްފައި ވަނީ ގިނަ އަދަދެއްގެ މޭވާއާއި ތަރުކާރީ ހިފައިގެނެވެ. އަދި އެބޯޓު އަޑިއަށް ގޮސްފައި ވަނިކޮށް އޭގައި ތިބި 16 މީހުން ސަލާމަތްކޮށްފައި ވަނީ ފްރާންސްގެ ބޯޓަކުންނެވެ.