12 Jan 2020, 15:46
މާލޭ ސަރަހައްދުގައި މިއަހަރު އިތުރު އާ ދެ ސްކޫލް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ކުރިން އެމްއީސްއެސް ހިންގި އިމާރާތުގައި މިއަދު ވަނީ އިއްޒުއްދީން ސްކޫލްގެ ނަމުގައި އާ ސްކޫލްއެއް ހުޅުވައިފަ އެވެ. އަދި މިދިޔަ އަހަރު ހުޅުމާލޭގައި ހުރަވީ ސްކޫލްގެ ނަމުގައި ވަނީ ސްކޫލެއް ހުޅުވައިފަ އެވެ. އެހެންކަމުން ޖުމްލަ މިހާރު މާލޭ ސަރަހައްދުގައި 16 ސްކޫލް ހުރެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އާ ދެ ސްކޫލްގެ ތެރެއިން އެއްް ސްކޫލްއަޅާނީ ހުޅުމާލޭގައި ކަމަށާއި އަނެއް ސްކޫލްއަޅާނީ މާލޭ ޖަލު ހުރި ތަނުގައި ކަމަށެވެ.
އާ ދެސްކޫލްވެސް އަޅަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށެވެ.
މާލޭގައި އަލަށް ހަދަނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެކެވެ. މިހާރު އެ ސްކޫލް ހުންނަނީ މަޖީދިއްޔާ ސްކޫލްއާ ޖެހިގެންނެވެ.
"މާލޭ ޖަލު ހުރި ކޮއްޓާއެކު އަދި ޖެހިގެން ހުރި ކޮއްޓާ ދެކޮށި އެއްކޮށްލާފަ ހަމަ ފުދޭވަރަކަށް ބޯޑު ޖާގައެއް ލިބިފަ މިއޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭ ޖަލު ބަދަލު ކުރަން ނިންމާފައި ވަނީ ތިލަފުއްޓަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ އާ ސްކޫލް އިމާރާތް ކުރަނީ އާ މޮޑެލްއަކަށް ކަމަށާއި އަދި ފެބްރުއަރީ މަހު އެ ސްކޫލްގެ މަސައްކަތް ފެށޭނެ ކަަމަށެވެ. އެ ސްކޫލްއަކީ 1000 ކުދިންގެ ޖާގައިގެ ސްކޫލްއެކެވެ.
"ޕެޑަގޮޖީ [އުސޫލަށް ކިޔަވައިދޭ] ސްކޫލެއް މިހެދެނީ. އަޅުގަނޑުމެން އެތާ ކިޔަވައިދޭން ބޭނުންވަނީ މިސާލަކަށް މަސައްކަތް ތެރިކަން. މަސައްކަތްތެރިކަން ކިޔަވައިދެންޏާމު އަޅުގަނޑުމެން ބޭނުންވާނެ ވޯކްޝޮޕްސް. އެހެންވީމާ ސްޓޫޑިއޯސް ބޭނުންވާނެ. އަޅުގަނޑުމެން ކިޔަވައިދޭން ބޭނުންވާ ގޮތަށް އެތަން ފަރުމާކުރެވިފައި ހުންނާނީ. މިސާލަކަށް ކުޅިވަރުތައް އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުމިއްޔާ ކުޅެވޭނެގޮތަށް ސްކޫލްގައި އޮންނަންވާނެ. އެގޮތަށް އެތަން މި ހަދަނީ." މިނިސްޓަރު ވިދާޅުވި އެވެ.