12 Jan 2020, 14:47
އިއްޒުއްދީން ސްކޫލުން ދަރިވަރުންނަށް މެންދުރު ކެއުން ސަރުކާރުން ނުދޭކަމަށާއި އެ ސްކޫލަށް ކެއުން ގެންދަނީ ބެލެނިވެރިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފި އެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު"ސަން" އަށް މިއަދު ވިދާޅުވީ ބެލެނިވެރިން ސްކޫލަށް މެންދުރުގެ ގެންނަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.
"އަޅުގަނޑުމެން ސްކޫލް ފަށަންވެގެން އޮރިއެންޓޭޝަންތައް ބޭއްވިއިރުވެސް ބެލެނިވެރިންނަަށް އެވާހަކަ ދެންނެވިން. ދެން ބެލެނިވެރިން އެކަމަށް އެއްބަސްވެލެއްވީ،" އިސްމާއިލް ވިދާޅުވި އެވެ.
އިއްޒުއްދީން ސްކޫލް ހުޅުވީ މިއަދު އެވެ. އެ ސްކޫލް ހުޅުވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެ ސްކޫލްގެ ކުދިން އަނބުރާ ގެއަށް ދާނީ ސްކޫލްގައި ނަމާދުކޮށް މެންދުރުގެ ކައިވެސް ނިންމާފައި ކަމަށެވެ.
މިހާރުވެސް ބިލަބޮންގް ސްކޫލްގައި ދަރިވަރުން ގެއިން ކާތަކެތި ގެންގޮސް މެންދުރު ވަގުތު ސްކޫލްގައި ކައިހަދަ އެވެ.
އިއްޒުއްދީން ސްކޫލްއަކީ އެއް ދަންފަޅިއަށް ކިޔަވައިދޭން މާލޭގައި ހުޅުވި ފުރަތަމަ ސްކޫލްވެސް މެއެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ވިދާޅުވީ އެއްދަންފަޅިއަށް ސްކޫލްތައް ފެށުމުގެ ބޭނުމަކީ ސްކޫލްތައް ދަރިވަރުން ނިމިގެންދާނީ ސްކޫލްގެ ކިޔެވުމާއި އިތުރު ހަރަކާތްތައްވެސް ނިމިގެން ކަމަށެވެ.
"ސްކޫލްގެ ދަރިވަރުންގެ ހުރިހާ ކަމެއް ނިމިފައި އޮންނާނީ 2:40 ވާއިރު،" އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ކުދިންނަށް އަރާމުކުރަން ފުރުސަތު ލިބި ގޭގައި ފޮތްކިޔުމަށް ވެސް އިތުރު ބާރަކަށް ވާނެ ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.