މާލޭގައި މިއަދު އަލަށް ހުޅުވި އިއްޒުއްދީން ސްކޫލްގެ ކުދިން އަނބުރާ ގެއަށް ދާނީ ސްކޫލްގައި ނަމާދުކޮށް މެންދުރުގެ ކެއުންވެސް ނިންމާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގްރޭޑް އެކަކުން ފެށިގެން ހަޔަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލްގައި މިވަގުތު 209 ދަރިވަރުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

އިއްޒުއްދީން ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ސްކޫލްއާއެކު ސަރުކާރުގެ ސްކޫލްތައް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުން ތައުލީމު ހާސިލް ކުރުމުގެ މުޅިން އާ މަރުހަލާއެެެއް ފެށިގެންދާނެ ކަމަށެވެ.

އިއްޒުއްދީން ސްކޫލްއަކީ އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް މާލޭގައި ހުޅުވި ފުރަތަމަ ސްކޫލްވެސް މެއެވެ.

"މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށްފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް، މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން،" ރައީސް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލްގެ އެެއްދަންފަޅީގެ ކިޔެވުމުގެ ނިޒާމަށް ތައުރީފުކުރައްވައި ރައީސް ވިދާޅުވީ އެ ސްކޫލްގެ ދަރިވަރުން ސްކޫލް ނިމިގެން ގެޔަށް ދާއިރު ހުންނާނީ ސްކޫލް ހަރަކާތްތަކުގެ އިތުރުން އެހީދޭ ކްލާސްތައްވެސް ނިންމައިގެން ކަމަށެވެ. އޭގެ ސަބަބުން ދަރިވަރުވެސް ބެލެނިވެރިޔާވެސް އިތުރު ވަގުތު ސްކޫލަށް އަންނަން ނުޖެހޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދަރިވަރުންނަށް ނާސްތާވެސް ވަނީ ދޭން ފަށައިފަ އެވެ. މިހާރު ދަރިވަރުން ކިޔެވުން ފަށާނީ ހެނދުނު ނާސްތާއާ އެކު އެވެ.