30 Nov 2011, 15:34
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ފިޒިޝަނެއް ބޭނުންވެގެން އެދުމުން މެޑިކަލް އޮފިސަރެއް ފޮނުވައިފި އެވެ.
އަޕާ ސައުތު ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ލުތުފީ މިއަދު ވިދާޅުވީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ފިޒިޝަނެއް ބޭނުންވެގެން އެދުމުން މިދިޔަ ހަފުތާގައި މެޑިކަލް އޮފިސަރެއް ފޮނުވުނީ ރެކްރޫޓްމަންޓް އެޖެންސީއަށް އެރި އޮޅުމެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ މެޑިކަލް ކައުންސިލުން އެ ޑޮކްޓަރުގެ ލިޔެކިއުންތައް ބަލައި ހުއްދަ ދެއްވާފައި ވަނީ ވެސް މެޑިކަލް އޮފިސަރަކަށް ކަމަށެވެ. އަދި އެ ޑޮކްޓަރު ތިނަދުއަށް ދިޔައިރު ވޯކް ޕާމިޓް ކާޑުގައި ވެސް އިންނަނީ މެޑިކަލް އޮފިސަރެއްގެ ގޮތުގައި ކަމަށް ލުތުފީ ވިދާޅުވި އެވެ. ތިނަދު އަށް އެ ޑޮކްޓަރު ފޮނުވާފައި ވަނީ ކޮންމެވެސް ހިސާބަކުން އޮޅުންތަކެއް އަރައިގެން ކަމަށް ބެލެވޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނީ މެޑިކަލް ކައުންސިލުން ވިދާޅުވާ އެއްޗަކަށް. އެހެންވެ މި ބަލަނީ އެއީ ލޭބާ މިނިސްޓްރީ އާއި އެޖެންސީއާ ދެމެދު ލިޔެކިއުންތައް ބަދަލު ކުރުމުގައި އެރި އޮޅެމެއް ކަމަށް،" ލުތުފީ ވިދާޅުވި އެވެ.
ތިނަދޫ ހޮސްޕިޓަލަށް ފޮނުވި މެޑިކަލް އޮފިސަރު އޭނާ ގެނައި އެޖެންސީއާ ހަވާލު ކުރުމުގެ ކަންތައް މިހާރު ނިމިފައިވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ. މިވަގުތު 11 ޑޮކްޓަރުންނާ އެކު ޚިދުމަތް ދެމުން އަންނަ ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފިޒިޝަނެއް ނެތްތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
"އަޅުގަނޑުމެން މި ބޭނުން ވަނީ ފިޒިޝަނެއް. އެހެންވެ ފިޒީޝަނެއްގެ ބަދަލުގައި މެޑިކަލް އޮފިސަރެއް ބޭނުމެއް ނުކުރެވޭނެ. އެހެންވެ އޭނާ ފުރާ ގޮތަށް ހަމަޖެހިފައި ވަނީ،" ލުތުފީ ވިދާޅުވި އެވެ.
ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތް މައްސަލަ އަންނަނީ ތަކުރާރުކޮށް ފެންމަތި ވަމުންނެވެ. އަދި ރާއްޖޭގެ ހެލްތު ސެކްޓާ ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.