ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.

އެ މުއްދަތުގެ ތެރޭގައި 1،364 ފޯމު ލިބިފައިވާކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ވެސް ބަންދުވެފައިވާއިރު، ހުށަހެޅުނު ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމުކުރާނެކަމަށް އެމްޑީޕީއިން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އެމްޑީޕީއިން ބުންޏެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވެއެެވެ.

ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.