އަންނަ އަހަރަށް ލަފާކުރާ 14 ބިލިއަން ރުފިޔާ ބަޖެޓާ ބެހޭ ގޮތުން އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހިމާއި އެމްއެމްއޭގެ ގަވަރްނަރު ފަޒީލް ނަޖީބްގެ ޕްރޮފެޝަނަލް ލަފާ ހޯދަން ބަޖެޓް ދިރާސާކުރާ ކޮމިޓީން އެ ދެ ބޭފުޅުންނަށް ހުށަހަޅައިފި އެވެ. ބަޖެޓާ ބެހޭ ގޮތުން އެ ދެ ބޭފުޅުންގެ ލަފާފުޅެއް އަންނަ މަހުގެ އަށެއްގެ ކުރިން ހުށަހެޅުމަށް ބަޖެޓް ދިރާސާ ކުރާ ކޮމެޓީން ވަނީ މިއަދު ނިންމާފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރަން ހޮއްވަވާފައިވާ 22 މެންބަރުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ބެހޭ ގޮތުން ހިޔާލު ހޯދަން އެ އިދާރާތަކާ ބައްދަލު ކުރުމަށެވެ. މާދަމާ އިން ފެށިގެން އެ މުއައްސަސާތަކާ ބައްދަލުކުރަން ވެސް ނިންމާފައިވެ އެވެ.

ކޮމެޓީން ބަޖެޓް ދިރާސާކޮށް ނިންމުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 13 އަށެވެ. އަދި އެމަހުގެ 15 އަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުމަށް ވެސް މިއަދު ވަނީ އެއްބަސް ވެފައެވެ.

މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމިޓީގެ މެންބަރުގެ މައްޗަށް އެކުލެވޭ ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ 2011 އަހަރުގެ ބަޖެޓް ވެސް ދިރާސާ ކުރި ކޮމެޓީގެ މުގައްރިރު މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމެވެ. ނައިބު މުގައްރިރަކަށް ކަނޑައަޅާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.