12 Jan 2020, 10:19
ޓްރިޕޮލީ (12 ޖަނަވަރީ 2020):ލީބިޔާގެ ވެރިރަށް ޓްރިޕޮލީ ހިފުމަށް މަސައްކަތްކުރާ އެގައުމުގެ ހަނގުރާމަވެރި ލީޑަރު ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތަކުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.
ޖެނެރަލް ހަފްތަރުގެ ބާރުތަކުގެ ތަރްޖަމާން ކާނަލް އަހްމަދުލްމިސްމާރީ ވިދާޅުވީ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމަށް ހަފްތަރު އެއްބަސްވެވަޑައިގެން އެކަން ޓްރިޕޮލީގައި ވެރިކަންކުރާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަންގާފައިވާނެ ކަމުގައެވެ.
އެއަށްފަހު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން ގެ އެދިވަޑައިގަތުމަކަށް ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާކަމާއި އެކަން ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ އަސްކަރީ ބާރުތަކަށް އަންގާފައިވާނެކަމުގައެވެ. ޖެނެރަލް ހަފްތަރަށް ތާއީދުކުރާ ޔޫއޭއީ އާއި މިސްރުން މިކަމާބެހޭގޮތުންއެއްޗެއް ބުނެފައެއް ނުވެއެވެ.
ލީބިޔާގައި ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ ހަނގުރާމަވެރި ލީޑަރެއްކަމަށްވާ ޖެނެރަލް ހަފްތަރަށް ނިސްބަތްވާ ލީބިޔާގެ ކުރީގެ ސިފައިންގެ ބާރުތަކާއި ލީބިޔާ އެއްބައިވަތަ ކުރުމަށް އދ. ގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ބާރުތަކުގެ ދެމެދުގައެވެ. މިދެފަރާތުގެ ވާދަވެރިކަމުގެ ސަބަބުން ލީބިޔާވަނީ ދާޚިލީ ގޮތުން ވަރަށް ބޮޑަށް ބައިބައިވެ އެތެރޭގެ ހަނގުރާމައެއް ފެށިފައެވެ. ޔޫއޭއީ އާއި މިސްރުގެ ތާއީދާއެކު ހަނގުރާމަކުރާ ޖެނެރަލް ހަފްތަރުގެ ބާރުތަކުން ވެރިރަށް ޓްރިޕޮލީ ހިފުމަށްޓަކައި ހަނގުރާމަ ފަށައި އެސިޓީއަށް ޙަމަލާދެމުން ގެންދާތާ ނުވަމަސްވަނީ ވެފައެވެ. ނަމަވެސް ކުރިން ހަފްތަރުގެ ބަރުތަކުން ހިފާފައިވާ ޓްރިޕޮލީގެ ވަށައިގެންވާ އަވަށްތަކުގެ ތެރެއިން ބައެއް ތަންތަން ފިޔަވައި އިތުރު ތަނެއްގެ ކޮންޓްރޯލް ހަފްތަރުގެ ބާރުތަކުގެ ފަހުން ލިބިފައެއް ނުވެއެވެ.
ޑރ. ފާއިޒް އައްސައްރާޖް ބޮޑުވަޒީރު ކަމުގައި ހުންނަވާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީތެރިވަނީ ތުރުކީންނެވެ. ތުރުކީވަނީ ހަފްތަރުގެ ކިބައިން ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ޙިމާޔަތް ކުރުމަށްޓަކައި އެގައުމުގެ އަސްކަރީ ވަރުގަދަ ބާރެއް ހަތިޔާރާއެކު ޓްރިޕޮލީއަށް ފޮނުވާފައެވެ. ތުރުކީގެ މިފިޔަވަޅުގެ ސަބަބުން ހަފްތަރުގެ ބާރުތަކަށްވަނީ ޓްރިޕޮލީ ހިފުމުގެ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ޖެނެރަލް ހަފްތަރުގެ ބާރުތަކުގައި ރަޝިއާގެ ކުލީ ސިފައިން ތިބިނަމަވެސް ރަޝިއާގެ ޚާރިޖިއްޔާއިންވަނީ އެއީ ރަޝިޔާ ސަރުކާރުގެ ރަސްމީ ކަމެއްނޫންކަމާއި ރަޝިއާއިން ލީބިއާގެ ސަރުކާރެއްގެ ގޮތުގައި އިޢްތިރާފްވަނީ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ކަމަށް ބުނެފައެވެ.
ރަޝިއާއާއި ތުރުކީއަކީ މިފަހަކަށް އައިސް ސޫރިޔާގެ މައްސަލަ ފަދަ މެދުއިރުމަތީގެ ބައެއް މައްސަލަތަކުގައި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްކުޜާ ދެގައުމެވެ. އެެދެގައުމު ވަނީ ސޫރިޔާގެ ހަނގުރާމަ ހުއްޓުވުމަށް ވިލަރެސްކުރި ގޮތަށްް ލީބިާޔގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި ދެގައުމު ގުޅިގެން މަސައްކަތް ކުރަންފަށާފައެވެ. ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާން މިދިޔަ ހަފްތާގައި އިސްތަންބޫލްގައި ބައްދަލުކުރައްވައި ލީބިޔާގެ ހަނގުރަމަ ހުއްޓުވުމަށް އެދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ހަފްތަރުގެ ބާރުތަކުން ހަމަލާތައް ހުއްޓާލިކަން އިއްލާން ކުރީ އެއަށްފަހުއެވެ. ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުގެ ކުރިން މިދިޔަ ހަފްތާގައި ހަފްތަރުގެ ބާރުތަކުން ޓްރިޕޮލީގެ އަސްކަރީ އެކަޑެމީ އަށް ދިން ވައިގެ ޙަމަލާއެއްގައި އެ އެކަޑެމީގެ ދަރިވަރުންގެ ތެރެއިން 28 ދަރިވަރުންވަނީ މަރުވެފައެވެ. އެ އެކަޑެމީ އަށް ހަފްތަރުގެ ބާރުތަކުގެ ފަރާތުން ހަމަލާދިނީ ހަފްތަރަށް ތާއީދުކުރާ ޔޫއޭއީ ގެ އަސްކަރީ ޑްރޯނަކުން ކަމަށްވުމުން މިޖަރީމާއާ ޔޫއޭއީ އަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް ރައްުދުވެފައެވެ. (ރޮއިޓާސް)