12 Jan 2020, 07:07
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ މަރުހަބާ ދަންނަވައި ދަރިވަރުންނަށް ހިތްވަރު ދެންނެވުމުގެ ގޮތުން ދައުލަތުގެ މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަތުމަށް ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްނެންގެވުުމުގެ މަތީން ފަށްޓަވައި އެ ހަރަކާތުގެ ދަށުން މިނިސްޓަރުން، ސްކޫލުތަކުގެ އެސެމްބްލީތަކުގައި ބައިވެރިވެވަޑައިންނަވާނެ ކަމަށެވެ.
މިނިސްޓަރުން ކުރައްވާ ދަތުރުފުޅުގައި ރަށްރަށުގެ ސްކޫލަށް ވަޑައިންނަވާ އެ ސްކޫލުތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މަދަރުސީ ދައުރާއި މަސައްކަތުގެ މާހައުލާ ގުޅޭގޮތުން މިނިސްޓަރުން ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން ބުނެފައިވަނީ 19 އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅެއްގެވެސް އެއް ސްކޫލަކަށް މިނިސްޓަރުން ވަޑައިންނަވާނެ ކަމަށެވެ.
އެކެޑެމިކް އާ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު ތައުލީމީ ނިޒާމު ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިއަހަރުގެ ކިޔެވުން ފަށާއިރު 73،067 ދަރިވަރުން ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެކަމަށެވެ.