ހުކުރު ދުވަހު ރިލީޒްކުރި ދީޕިކާ ޕަދުކޯންގެ "ޗަޕާކް" ލީކުކޮށްލައިފި އެވެ.

އެސިޑުގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ރޯލުން ދީޕިކާ ފެނިގެންދާ އެ ފިލްމު އެޅުވި ދުވަހު އެ ފިލްމު ވަނީ ލީކުކޮށްލާފަ އެވެ. ބޮލީވުޑްގައި ރިލީޒްކުރަމުން އަންނަ ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ތަމިލްރޮކާޒް އިން އެ ފިލްމު ލީކުކޮށްލާފައިވަނީ ފިލްމު ސިނަމާތަކުގައި އެޅުވިތާ ގަޑިއިރެއްގެ ތެރޭގަ އެވެ.

ފިލްމު އެޅުވި ދުވަހު އެ ފިލްމަށް ވަނީ ހަތަރު ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ދީޕިކާ އާ އެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ ލަކްޝްމީގެ ފިރިމީހާ އަލޯކް ޑިކްސިތުގެ ރޯލުންނެވެ.

އެ ފިލްމަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. މިހާރު އޭނާ އަކީ އެސިޑު ހަމަލާތައް ހުއްޓުވުމަށް ތަފާތު ކެމްޕެއިންތައް ހިންގަމުން އަންނަ މީހެކެވެ.