ށ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުދަލާއި އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތަކުގެ ބަލަދު ވެރިފަރާތަކަކީ ށ. އަތޮޅު ކައުންސިލްގެ އިދާރާ ކަމުގައި ކަނޑައަޅައިދިނުމަށް އެ އިދާރާ އިން ހޯމްމިނިސްޓްރީގައި އެދިއްޖެ އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ އާދަމް ސޮއިކުރައްވާ މިދިޔަ އާދީއްތަ ދުވަހު ހޯމްމިނިސްޓަރު ހަސަން އަފީފަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި މުދާ ބެލެހެއްޓުން ފިނޭންސް މިނިސްޓްރީން ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ބުނެ، އެތަންތަނާއި ތަކެތި ބެލެހެއްޓުން ފުލުހުންނާއި ހަވާލުކުރުމަށް ހޯމް މިނިސްޓްރީން ނިންމަވާފައިވާ ނިންމުމަކީ ދުސްތޫރީ އަސާސެއް ނެތް، ވަރަށް ހުދުމުހުތާރު އަދި ދީމިގްރާތީ ހަމަތަކާއި ބީރަށްޓެހި ނިންމުމަކަށް ވާތީ އެކަން އެކައުންސިލުން ބަލައިނުގަންނަ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ހަސަން އަފީފް ފުލުހުންނަށް އަންގަވައިފައިވާ އެންގެވުމަކީ ވެސް ގާނޫނީ އިމެއް ނެތި އަންގަވާފައިވާ އެނގެވުމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ރާއްޖޭގެ އަތޮޅުތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުންކަން ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ބުނުމުގެ މައްޗަށް އަލިއަޅުވާލައި އެ ސިޓީގައި ބުނެފައި ވަނީ ގާނޫނުގައިވާ ގޮތަށް އަތޮޅުތައް ހިންގަން ފެށިފައި ވަނީ ގާނޫނުގައި ބުނެފައިވާ މުއްދަތު ފަހަނަ އަޅައި ދިޔަފަހުން ކަމަށެވެ.

"އެގާނޫނުގެ ދަށުން އިންތިހާބް ކުރަން ޖެހޭ ކައުންސިލްތައް އިންތިހާބް ކުރެވެންދެން އަތޮޅުތައް ހިންގާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ބައެއްގެ ބެލުމުގެ ދަށުން. އަދި އެދުވަސްވަރު އަތޮޅުތައް ހިންގަމުން ގެންދިޔަ އިރު ވެސް އަތޮޅު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ މުދަލާއި ތަންތަން ބޭނުންކޮށްފައިވާކަން ފާހަގަކުރަން،" އެސިޓީގައި އެވެ.

އަތޮޅު އޮފީހުގެ ބެލުމުގެ ދަށުގައި ހުރި ދައުލަތުގެ ތަކެތި ށ. އަތޮޅު ކައުންސިލްގެ ބަލަދުވެރިކަމުގެ ދަށުން ނެއްޓިގެންދާ ކަމަށް މާނަކުރައްވައިގެން ވަކިނުފޫޒެއްގެ ދަށަށް ގެންދިއުމަށް ކުރައްވާ ކޮންމެ ކަމަކީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ މުޅި ނިޒާމު ބަލިކަށިކޮށްލުމަށް އަޅާ ހީލަތްތެރި ފިޔަވަޅެއް ކަމަށް ދެކޭ ކަމަށް ވެސް ށ. އަތޮޅު ކައުންސިލްގެ އެސިޓީގައިވެ އެވެ.