ރާއްޖޭގައި މީސަލްސް ނުވަތަ ހިމަބިހި ފެތުރިދާނެ ހަތަރު ސަރަހައްދެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހާމަކޮށްފި އެވެ.

މާލޭގައި މިދިޔަ ހަފްތާގެ ތެރޭގައި ކުޑަކުއްޖަކު ހިމަބިއްސަށް ޝައްކު ކުރެވިގެން ހެދި ޓެސްޓުތައް ޕޮޒިޓިވް ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ. އެ ކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްވަރު އެ ކުއްޖާއާ އެކުގައި އުޅެފައި ނުވަތަ ކައިރިވެފައިވާ މީހުން ހޯދައި، އޭގެ ތެރެއިން ހިމަބިހި ވެކްސިން ޑޯޒް ހަމަކޮށްފައި ނުވާ މީހުންނަށް ވެކްސިން ދިނުމަށް މިހާރު އެ އެޖެންސީއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔަކަށްވުމުން، އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުންނަށް އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އެ ބައްޔަށް ޕިޓިވްވި ކުއްޖާ ދިޔަ ތަންތަނަށް ވަކި ގަޑިއެއްގެ ތެރޭގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް ނުރައްކާ އޮތް ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އެ ކުއްޖާ ދިޔަ ތަންތަނާއި ވަގުތުތައް

  • ހުޅުމާލޭ ހޮސްޕިޓަލް (ޖެނުއަރީ، 4، 2020ގެ ރޭގަނޑު 8އިން 11އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 5، 2020ގެ ހަވީރު 5އިން ރޭގަނޑު 9އަށް)
  • ސެނަހިޔާ (ޖެނުއަރީ 6، 2020ގެ ރޭގަނޑު 7އިން 10އަށް)
  • ހުޅުމާލެ ހޮސްޕިޓަލް (ޖެނުއަރީ 7، 2020ގެ ރޭގަނޑު 7އިން ދަންވަރު 2އަށް)
  • ޓްރީޓޮޕް ހޮސްޕިޓަލް (ޖެނުއަރީ 8، 2020 ހެނދުނު 11:30އިން މެންދުރު 13:30އަށް)
  • ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގެ ވަށައިގެންވާ ކެފޭތައް (ޖެނުއަރީ އެކަކުން ނުވައަކަށް)

އެ ތަންތަނަށް އެ ގަޑިތަކުގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަ ނުުުކުރާ މީހުން 21 ދުވަހުގެ ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.