11 Jan 2020, 16:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން ދޫނުކުރަނީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ބުނެފި އެވެ.
މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮންމެ އިންތިހާބަކާ ކުރިވުމުން މިހާރު ރައީސް ޔާމީން ޖަލުގައި ބަހައްޓަން ސަރުކާރުން އަޑީގައި ތިބެގެން މަސައްކަތް ކުރާ ކަމަށެވެ.
"އެއީ ޔަގީންކަމެއް. މި ވެރިކަން އައި ފަހުން ކުރިމަތިވި ދެ އިންތިހާބުގައިވެސް މި ސަރުކާރުން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ބޭނުންވި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މަހުގެ 30 ވަނަ ދުވަހު އެ މައްސަލަ އިސްތިއުނާފު ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅިއެވެ. އެ އިސްތިއުފާނު ބަލައިގެންފައިވާކަން ހައިކޯޓުން ހާމަ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
މަނީ ލޯންޑަރިން މައްސަލަ އިސްތިއުނާފު ކުރި އިރު، އެ އިސްތިއުނާފު މައްސަަލަ ނިމެންދެން ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދިފައިވެއެވެ.
"ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ރައީސް ޔާމީން ހައްޔަރު ކުރީ. މިއަދު މި އުޅެނީ ލޯކަލް ކައުންސިލް އިންްތިހާބު ބޯމަތިވެފައި އޮތީމަ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ތާވަލުނުކޮށްގެން މި އުޅެނީވެސް ކަފާލާތުގެ ނުލިބިގެން މި އުޅެނީވެސް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދަށުކޯޓަކުން ހުކުމްކޮށްފައިވާ މީހަކު ނުވަތަ ހައިކޯޓުން ހިންގާ ގަޒިއްޔާއެއްގައި ކުށުގެ ތުހުމަތުގައި ހުރި މީހަކު ހައިކޯޓުން ގަބޫލުކުރާފަދަ ކަފާލަތެއް ހުށަހަޅައިފިނަމަ، ހައިކޯޓުން އެ މައްސަލައަކާ މެދު ނަޒަރު ހިންގުމުގެ ތެރޭގައި ނުވަތަ ޝަރީއަތް ހިންގުމުގެ ތެރޭގައި އެމީހަކު ދޫކޮށްފައި ބެހެއްޓުމަކީ ހައިކޯޓުގެ އިހްތިޔާރުގައިވާ ކަމެކެވެ.
އަބްދުއްރަހީމް މިއަދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ދިވެހިރާއްޖޭގެ ގޮތުގައި ބެހެއްޓުމަށްޓަކައި ކައުންސިލް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީނަށްޓަކައިވެސް އެ ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 18، 2019ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލަށް ލުމަށް އަމުރުކޮށްފައެވެ. އެކަމަކު 13 މާޗްގައި އެމަނިކުފާނު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އެފަހުން މާޗް 28ގައި އެމަނިކުފާނު ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކުރިއެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ބަންދުގައި ހުންނަން ޖެހުމުގެ ސަބަބުން ރައީސް ޔާމީނަށް ކެމްޕޭނުގެ ބޮޑު ބައެއް ގެއްލުނެވެ. އެމަނިކުފާނު ކެމްޕޭނު ކުރެއްވީ ރެކޯޑުކޮށްފައި ހުރި މެސެޖުތަކާއި ފޯނުކޯލުތައް ބޭނުންކޮށްގެންނެވެ.