ޖީއެމްއާރުން ނަގަން ނިންމާފައިވާ 25 ޑޮލަރުގެ މައްސަލައިގައި ފިނޭސް މިނިސްޓްރީގެ މައްޗަށް އިމާދު ސޯލިހު ކުރެވި ދައުވާގެ މައްސަލައިގެ އަޑު އެހުން ނިމި ހުކުމް އިއްވުމާ ހަމައަށް ދަތުރުކޮށްފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވައިލައްވަމުން ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ އެ މައްސަލައިގެ އަޑު އެހުންތައް ނިމުނީ ކަމަށާއި އަންނަ ހަފުތާގައި މައްސަލައާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

މިއަދު އޮތީ ދައުލަތާއި އިމާދު ގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުއްވުމެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން އިމާދު ވިދާޅުވީ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ޖީއެމްއާރުން އަންނަ ޖެނުއަރީ މަހުން ފެށިގެން ނަގަން ނިންމާފައިވާ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ގޮތުގައި ނަގަން ނިންމާފައިވާ ދެ ޑޮލަރަކީ ޖީއެމްއާރާއި ސަރުކާރާއިމެދު ވެފައިވާ އެގްރީމެންޓާ ޚިލާފަށް ނަގަން ނިންމާފައިވާ ފައިސާއެއް ކަމަށެވެ.

އަދި އެއީ ޓެކުހެއްކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ބާރު ލިބިގެން ނޫނީ ރައްޔިތުންގެ އަތުން އެއްވެސް ޓެކްހެއް ނުނެގޭނެކަމަށް ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނެފައިވާނެކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ނަގަން ވެފައިވާ އެއްބަސްވުމަކީ ވެސް ގާނޫނު އަސާސީ އާއި ޚިލާފު އެއްބަސްވުމެއް ކަމަށެވެ.

އޭނާގެ ދައުވާގައިވާ ބައެއް ކަންތައްތަކަށް ދައުލަތުން ޖަވާބުދާރީ ވެފައި ނުވާކަމަށް ވެސް ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު އައިޝަތު ޝީޒާ ވިދާޅުވީ އެ ފައިސާ އަކީ ދައުލަތުން ނަގަން ނިންމާފައިވާ ފައިސާއަކަށް ނުވާތީ ދައުލަތުން އެކަމާމެދު ޒިންމާ އުފުލަން ނުޖެހޭނެ ކަމަށެވެ. ޖީއެމްއާރުން ނަގާ އެ ފައިސާއިން ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމާދު ސޯލިހުގެ ދައުވާ ނިމުމަކާ ކައިރިވިއިރު، އިމާދު ނިސްބަތްވާ ގައުމީ ޕާޓީން ވެސް ވަނީ 25 ޑޮލަރުގެ މައްސަލައިގައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ދައުވާގެ ޝަރީއަތް އަދި ނުފަށަ އެވެ.